އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުފް މަޝްރޫއުތަކުގެ ތެރެއިން ހދ. ނެއްލައިދޫގައި ކުރިއަށް ގެންދާ ވަގްފު މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއި ނެއްލައިދޫ ކައުންސިލާއި ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އަލީފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަގުފްގެ މަޝްރޫއުތައް އިތުރުކޮށް އޭގެ ނަފާ ކަނޑައެޅޭ ދާއިރާތަކަށް ލިބޭގޮތަށް ފުޅާ ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއްކަމަށެވެ.

ނެއްލައިދޫ ކައުންސިލާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެރަށުގައި ވަގުފް މަޝްރޫއެއް ކުރިއަށް ގެންގޮސް އޭގެ ނަފާ ދީނީ ކަންކަމަށް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ވަގުފް އިމާރާތްތައް އިތުރު ކުރުމަކީ އެ މިނިސްޓަރީގެ އަމާޒެއްކަމަށެވެ. އަދި ނެއްލައިދޫގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމެވީ އެ މިނިސްޓްރީއަށް ލިބުނު ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ފެނުނު އެންމެ މުނާސަބު އެއް ޕްރޮޕޯސަލްއަކީ ނެެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ޕްރޮޕޯސަލްކަމަށްވީތީ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މި މަޝްރޫއުއަކީ ކުރިމަގަށް ކުރެވޭ ރަނގަޅު މަސައްކަތެއްކަމަށެވެ. އަދި އުއްމީދަކީ މި މަޝްރޫއުގެ ނަފާ ނެއްލައިދޫއަށާއި މުޅި ރާއްޖެއަށް ވީހާވެސް އަވަހަށް ލިބިގެން ދިއުންކަމަށެވެ.

ރަށު/ސިޓީ ވަގުފް މަޝްރޫއުއަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން އިފްތިތާހްކުރި މުހިއްމު މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލަކުންނާއި 10 އަތޮޅު/ސިޓީ ކައުންސިލަކުން ވަނީ ޕްރޮޕޯސަލް ހުށައަޅާފައެވެ.