ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި މިހާރު ކުރިއަށްދާ ޖޮއިންޓް އަރަބް އިސްލާމިކް ސަމިޓަކީ ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތުގައި އަމަލީ ނަތީޖާއެއް ނެރެވޭނެ ސަމިޓަކަށް ހެދުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ މައިދާނުގައި މުސްލިމުންނަށާއި އިސްލާމީ އުންމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށް ސައޫދީން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފްކުރައްވައި، އެ ގައުމަކީ އިސްލާމީ އުންމަތުގެ އެންމެ އިސް ގައުމުގެ ގޮތުގައި ސިފަކުރައްވައިފައެވެ. ވަކިން ހާއްސަކޮށް، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށްޓަކައި ސައޫދީން ކުރަމުންދާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ ގަތުލުއާންމާއި ލުބުނާނުގައި ހިންގަމުންދާ ޖަރީމާގެ ސަބަބުން ވޭތުވެދިޔަ އަހަރެއްހާ ދުވަހު ފަލަސްތީނުން ބައިލައްކައެއްހާ މީހުން ޝަހީދުވެ، ލުބުނާނުން ހާހެއްހާ މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި މި ގަތުލުއާންމުގެ ސަބަބުން އެތައް އާއިލާތަކެއް ބިކަވެ، ކުޑަކުދިން މިސްކީނުންނަށްވެ، އެތައް ބައެއްގެ ހުވަފެންތައް ފުނޑިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ބޮޑެެތި ގައުމުތަކުން ހަނުހުރެ، އިހުމާލުވެފައިވާތީ ރައީސް އެ ކަން ވެސް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް އިގްތިސޯދީގޮތުންނާއި ސިޔާސީ ގޮތުން ނުފޫޒު ގަދަ ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އިހުމާލުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެމެރިކާ އާއި އެމެރިކާގެ އެކުވެރި ދައުލަތްތައް ފަދަ ބާރުގަދަ ގައުމުތަކުގެ އަމަލުތަކުން ދައްކުވައިދެނީ ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައިގެ އެއްވެސް އަގެއް ނެތްކަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އދ ގެ ސަލާމަތީ ކައުންސިލަށް ލިބިދީފައިވާ ވީޓޯގެ ބާރުގެ ސަބަބުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ފިޔަވަޅު ނޭޅި، އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވިފައިނުވާ ކަން ފާހަގަކުރައްވައިފައެވެ.

އެއާއެކު ބައިނަލްއަގުވާމީ މުޖުތަމައުން ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތް ފުޅާކޮށް، މި ސަމިޓުން އަމަލީ ނަތީޖާއެއް ނެރުމަށް ރައީސް ގޮވާލެއްވިއެވެ.