ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އިތުރަށް މަސައްކަތްކުރުމަށް ފޮރިން މިނިސްޓަރު ޑރ. ހަލީލް އިލްތިމާސްކުރައްވައިފި އެވެ.

ހަލީލް މިފަދައިން އިލްތިމާސްކުރައްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓް" އަށް ތައްޔާރުވުމުގެ ގޮތުން ހާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުންނެވެ.

އެގޮތުން އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާއި ހިންގަމުންދާ ނަސްލުނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާ އަނިޔާތަކަށް ލުޔެއް ލިބިފައިނުވާތީ ހަލީލް ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލްކުރަމުންދާ އަނިޔާތަކުން އަރައިގަތުމަށް އެހީވުމަކީ މުޅި އިސްލާމީ އުންމަތުގެ ޒިންމާއެއްކަމުގައި ފާހަގަކުރައްވައި، އެ މަގުގައި އަމަލީ މަސައްކަތްކުރުމަށް ވެސް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް ހިންގަމުންގެންދާ އަމަލުތައް ކުއްވެރިކޮށް ވަކި ގައުމެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަގްވާމީ ގާނޫނު ތަންފީޒުކުރުމަށާއި އ.ދ ގެ ސަލާމަތީ މަޖިލިސް އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ފަދަ ޕްލެޓްފޯމްތަކުގައި އިސްރާއީލް ޖަވާބްދާރީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވައި، އިސްލާމީ ގައުމުތަކާއެކު ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ފަސްނުޖެހެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓަކީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ލީގް އޮފް އަރަބް ސްޓޭޓްސް އާ ގުޅިގެން ފަލަސްތީން އަދި ލުބްނާނަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.