ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަށްޓަކައި ދިރާސާ ކުރުމަށް ސްޓެލްކޯއިން ރާޅު މޮނިޓަރިން ޕްރޮޖެކްޓެއް ފަށައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މިއީ ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތަ 33 އިންސައްތައަށް އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
ރާޅު މޮނިޓާކުރުމުގެ ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމަކީ ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށާއި ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓާއެކު އާންމު ގޮތެއްގައި ބޭނުންކުރާ އިޔާދަކުރަނިވި އަވީގެ ހަކަތައިގެ އިތުރުން އެހެން ގޮތްތަކުން ވެސް އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދޮރު ހުޅުވިގެންދާނެކަން ފަހުމީ ފާހަގަ ކުރެއްވިއެވެ.
ފަހުމީ ވިދާޅުވީ މި ޕްރޮޖެކްޓްގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ކަނޑުގެ ރާޅުގެ ބޭނުން ހިފޭނެ މިންވަރު ދެނެގަތުމަށް ދިރާސާކޮށް މައުލޫމާތުތައް އެއްކުރާނެ ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރަމުންދާ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކާއެކު ރާޅުގެ ހަކަތަ ބޭނުންކުރެވިދާނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ރާޅުގެ ހަކަތައިގެ އެންމެ ބޮޑު އެއް ފައިދާއަކީ އަވި ހަކަތައާ އަޅާބަލާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު ކުޑަވުންކަން ފަހުމީ ފާހަގަ ކުރެއްވިއެވެ. ފަހުމީ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ލިބޭ ބާރަކަށް މި ޕްރޮޖެކްޓްވެގެންދާނެ ކަމަށެވެ.