އެމްޑަބްލިޔުއެސްސީއިން ހއ. މާރަންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ ހއ.މާރަންދޫގައި، ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާކަމަށެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް އަޅާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ބަހައްޓާފައިވާކަމަށް އެމްޑަބްލިޔުއެސްސީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހއ.މާރަންދޫ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކް އާއި ޕަމްޕިން ލައިން އަޅައި، ޕަމްޕިން ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް އަޅާފައިވާކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާއިރު މިޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހއ.މާރަންދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 73.98 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫއުގެ ސަބަބުން މާރަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.