ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ އެންމެހާ މަސައްކަތްތައް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލަން ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމައިފިއެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ކަނޑައެޅީ އިގްތިސޯދީ ކޮމިޓީގެ މުގައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ، އަދި ނައިބު މުގައްރިރަކަށް ކަނޑައެޅީ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.
ދެ ބޭފުޅުން ވެސް ވަނީ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރި ކޮމިޓީގެ މުގައްރިރުކަމާއި ނައިބު މުގައްރިރުކަން މިފަހުން ކުރައްވައިފައެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ނިންމީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ދިރާސާކޮށް ނިންމާލުމަށެވެ. އަދި ބަޖެޓާ ގުޅިގެން އޮޑިޓަރު ޖެނެރަލާއި އެމްއެމްއޭގެ ގަވަރުނަރުގެ ބަޔާނެއް ހޯދުމަށް ލިޔުމުން ފޮނުވުމަށާއި، ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތައް ބަޖެޓާ މެދު ދެކޭގޮތް ހޯދަން ފޮނުވަން ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.8 ބިލިއަން ރުފިޔާ ލިބޭނެއެވެ. އެއީ އާމްދަނީގެ ގޮތުގައި ލިބޭ 37.2 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 2.6 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އަންނަ އަހަރު 49.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެއެވެ. އެއީ ޕީއެސްއައިޕީ އަށް 12.4 ބިލިއަން ރުފިޔާ، ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ، އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާއެވެ.
މިއީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭ ސަރުކާރުން ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރުވެސް މެއެވެ. އެގޮތުން މި އަހަރުގެ ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުރިއިރު، ފާއިތުވެދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 13.4 ބިލިއަން ރުފިޔާއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ބަޖެޓް ޑެފިސިޓް ކުޑަކުރެވިގެން ދާނެ ކަމުގައި ވެސް ސަރުކާރުން ލަފާކުރެއެވެ.