އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހައި ވައްކަމާއި ފަސާދައަށް މަގުފަހިކޮށްދޭނެ އަދި ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދޭނެ ގޮތެއް ހޯދިފައި ނުވާ ތަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ބަޖެޓުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގެ ތެރޭގައި ވިދާޅުވެފައިވާ ވާހަކައަކަށް އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން ރާއްޖޭގެ މާލީ ހާލަތު ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އަދި ވައުދުތައް ވެސް ފުއްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި، ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް އަހަރެއް ވާން ގާތްވެފައި އޮތްވާ ހުށަހެޅި ބަޖެޓުގައި ރަނގަޅު ޕްލޭނެއް، ރޭވުންތެރިކަމެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
2025 އަށް ހުށަހެޅި ބަޖެޓުން ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސްތައް ބޮޑުކުރުމަކީ އެ ފަރާތްތަކުގެ ފުއްދުންތެރިކަން ދަށްވެ، އިގްތިސޯދީ ނަފާއަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޓެކްސް އާމްދަނީއާ ނުބައްދަލު މިންވަރަކަށް ހަރަދު ބޮޑުކުރުމުން މާލީ ދެމެހެއްޓެނިވިކަން ގެއްލިގެންދާ ކަމަށާއި ބަޖެޓުގައި ރައްޔިތުންނާ ގުޅުންހުރި ހައްސާސް ބައިތަކުން ހަރަދު ކުޑަ ކުރާނެ ކަމަށް ބުނެފައިވާ ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. ސަރުކާރުން ކުރާ އިސްރާފާއި، ސިޔާސީ މަގާމްތަކުގެ މުސާރަ އާއި އިނާޔަތްތަކަށް ހޭދަކުރާ މިންވަރު ކުޑަކުރަން މަސައްކަތް ކުރާ ތަނެއް ބަޖެޓުން ފެނިވަޑައިނުގަންނަވާ ކަމަށާއި ދައުލަތުގެ ރިކަރަންޓް ހަރަދު ދަނީ މައްޗަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު ބަޖެޓު ފޫބައްދަން 16.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ފާހަގަކޮށްފައިވާ ނުކުތާއަށް އަލިއަޅުއްވާ ލައްވަމުން ޝާހިދު ވިދާޅުވީ، މި ފައިސާ ހޯދާނެ ގޮތުގެ ހަރުދަނާ ރޭވުންތެރިކަމެއް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ. މީގެ ބޮޑުބައި ހޯދުމަށް ޖަހާފައި އޮތީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ފައިސާ ހޯދުން ކަމަށާއި ޒަމާންވީ ހާރިޖީ ގުޅުންތަކަށް މި ސަރުކާރުގެ އަމަލުތަކުން ނޭދެވޭ އަސަރުކޮށްފައި ވުމުން މި ފައިސާ ހޯދުމަށް މިހާރުވެސް ސަރުކާރުވަނީ ނުކުޅެދިފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. މި ބަޖެޓަކުން އެކަމަކަށް ތަސައްލީއެއް ނުހޯދޭނެ ކަމަށާއި މި ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އަންނަ އަހަރު ދަށްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމައެއާއެކު ވިޔަފާރިތަކުގެ ފައިދާ ދަށްވާނެ ކަމަށާއި އިގްތިސޯދީ ދުވެލި ބުރަކި ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބަޖެޓާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިއްޔެ ފާހަގަ ކުރެއްވި ގޮތަށް ސަރުކާރުން ދަނީ އެމްޑީޕީ ސަރުކާރުން ގެނައި ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތު ބަދަލުކޮށް، ސިއްރުވެރި ވަންހަނާ ސިޔާސަތަކަށް ބަދަލުކުރަމުން ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ. ބަޖެޓުގައި އަބަދުމެ ހުންނަ ތަފްސީލުތައް ސަރުކާރުން ވަނީ ފޮރުވާފައި ކަމަށާއި ބަޖެޓުގެ މުހިއްމު ތާވަލުތައް ވަނީ ގެއްލުވާލައިފައި ކަަމަށް ޝާހިދު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ދެ ބަޔަކީ މުވައްޒަފުންގެ މުސާރަ އާއި ތަރައްގީގެ މަޝްރޫއުތައް ކަމަށާއި އެކަމާ ބެހޭ ތަފްސީލްތައް ހާމަކޮށްފައި ނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުންނަށާއި ރައްޔިތުންގެ މަންދޫބުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅޭ ކަމަށާއި އަދި ވައްކަމާއި ފަސާދައަށް މި ބަޖެޓު ހުޅުވިގެންދާނެ ކަމަށް އެނާ ވިދާޅުވިއެވެ. މި ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް ކަމަށް ޝާހިދު ތުހުމަތު ކުަރެއްވިއެވެ.
އެކަން އަދިކުރީ މިހާތަނަށް ޑިމޮކްރަސީގަ ވެރިކަންކުރިމީހުންނާ އެމީހުންގެ ބައިވެރިން. ކަލޭވެސް ނުވެއެއްނުދާނެ. ދެން އެކަން އެނގޭނީވެސް ކަލެއާ ފައްޔާޒާ ދެމީހުނަށް