އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުން ފެންނަނީ ސަރުކާރުގެ ސިއްރުވެރި ސިޔާސަތު ކަމަށާއި، މިއީ ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ހަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ކަނޑައަލާފައިވާ ބަޖެޓާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ފައްޔާޒް ވިދާޅުވީ، އެ ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ސަރުކާރަށް ޓެކްސްގެ ގޮތުގައި އިތުރަށް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި ރައްޔުތުންނާއި ވިޔަފާރުތަކުން ނަގާ ޓެކްސްގެ ފައިސާ ސަރުކާރުން ހަރަދު ކުރަނީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަކަށް ނޫން ކަމަށާއި އެ ފައިސާ ގެއްލި ދަނީ ސަރުކާރުގެ އިސްރާފަށް ކަމަށެވެ.
ކޮވިޑް-19އަށް ފަހު ބޭނުންވާ އިގްތިސޯދީ އިސްލާހީ އެޖެންޑާ މި ބަޖެޓުގައި ބޭނުންވާ މިންވަރަށް ހިމެނިފައި ނެތް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. މި ބަޖެޓަކީ ދަރަނި ބޮޑު ކުރާނެ ބަޖެޓެއް ކަމަށާއި 16.9 ބިލިއަން ރުފިޔާގެ އިތުރު ދަރަނި މި ބަޖެޓު ފޫބައްދަން ހޯދަން ޖެހޭ ކަމުގެ ވާހަކައަށް ފައްޔާޒް އަލިއަލުއްވައިލެއްވިއެވެ. ފައިސާ ހޯދަން މިހާރު ވެސް ސަރުކާރު ނުކުޅެދިފައިވާ އިރު މި ފައިސާ ހޯދޭނެ ގޮތުގެ ރަނގަޅު ޕްލޭނެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފައިސާގެ ބޮޑުބައި ހޯދުމަށް ބަޖެޓުގައި ޖަހާފައި ވަނީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ބަޖެޓް ސަޕޯޓް ލޯނު ނަގުން ކަމަށާއި މިއީ ކަންބޮޑުވާ ފައިނޭންސިން ސްޓްރެޓެޖީއެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިހާރު ވެސް ފައިސާ ނުހޯދިގެން އުޅޭ އިރު، ކޮމާޝަލް ބޭންކްތަކުން ދޭނެކަމަށް ނިންމީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ސަރުކާރުގެ ބަޖެޓަށް ބޭރުން ފައިސާ ނުހޯދިގެން ދައުލަތުގެ ކޭޝްފްލޯ އާއި ރިޒާވް ވަނީ ދުވަހަކު އަޑިނާޅާ މިންވަރަކަށް އަޑިއަލާލާފައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި ބަޖެޓުން މި ހީނަރުކަން ފިލުވައިދޭނެ ހައްލެ ފެނިވަޑައި ނުގަންނަވާ ކަމަށާއި ފޫބައްދަން ޖެހޭ މިންވަރު ބޮޑުކަމުން ނަގަން ޖެހޭ ދަރަނި ބޮޑު ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ޓެކްސްތައް ބޮޑު ކުރުމާއި، ބަޖެޓު ފައިނޭންސް ކުރުމަށް ބެންކުގައި ހުރި ފައިސާ ސަރުކާރަށް ނެގުމުން ޕްރައިވެޓް ސެކްޓަރަށް ވަރަށް ދަތިވެފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް ގަވާއިދުން ފައިސާވެސް ނުދައްކާ ކަމަށާއި މި ބަޖެޓަކީ ޕްރައިވެޓް ސެކްޓާ އިތުރަށް ހީނަރު ކުރާނެ ބަޖެޓެއްގެ ގޮތުގައި ފައްޔާޒް ސިފަކުރެއްވިއެވެ.
ހަމައެއާއެކު މިއީ ސިޔާސީ ބޭނުމަށް ކައުންސިލްތަކަކީ ނުކުޅެދޭ ތަންތަން ގޮތުގައި ރައްޔިތުންނަށް ވިސްނައިދިނުމަށް ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އޮތް ބަޖެޓެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. ކައުންސިލްތަކުގެ ބަޖެޓު ލާމަރުކަޒީ ގާނޫނާ ހިލާފަށް އުނިކޮށް، ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ބާރުތައް މަރުކަޒު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދައުރުގެ ކުރީކޮޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރު ބަޖެޓް ކައުންސިލުތަކަށް ދެއްވާނެ ކަމަށް ވައުދުވި ނަމަވެސް، އެކަން ބޮލާލައި ޖަހާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކުރީގެ ހައުސިން މިނިސްޓަރުގެ ގޮތުގައި އެމަނިކުފާނު ހުންނެވި އިރުވެސް ކައުންސިލުތަކުގެ ބާރު ކަނޑުވާލީ ރައްޔިތުންނަށް ބާރު ނުދީ، ބަޖެޓުން ސަރުކާރުން ހިންގާ ޖަރީމާތައް އިތުރުކުރުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ބަޖެޓުގެ މުހިއްމު ތަފްސީލުތައް ވަނީ ނުހިމަނައި ފޮރުވާފައި ކަމަށާއި މުސާރައިގެ ތަފްސީލު އަންގައިދޭ ތާވަލެއް، މަޝްރޫއުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނެވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ސަރުކާރުގެ ސިއްރުވެރި ސިޔާސަތު ބަޖެޓުން ފެންނަ ކަމަށާއި މަޝްރޫއުތަކުގެ ލިސްޓް ފޮރުވުމުން ރައްޔިތުންގެ ފަރާތުން މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ އުންމީދުތަކުގައި ކެރިގެން ކުލަޖައްސައިދެވޭނެ ޕްލޭނެއް ބަޖެޓުން ފެންނަން ނެތް އިރު، ސަރުކާރު ދަނީ ރައްޔިތުންނާ ދުރަށް ކަމަށާއި ރައީސް މުއިއްޒު ވީ ބޮޑެތި ވައުދުތައް ވެސް މި ބަޖެޓުގައި ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ބަޖެޓުގެ ތަފްސީލަކުން ނަންބަރަކުން ފެންނަން ނެތް ކަމަށާއި މި ބަޖެޓަކީ ރައީސް މުއިއްޒު އުނބަށް ޖަހައި ވައުދާ ހިލާފުވި ބަޖެޓު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާ ބަޖެޓެއް ކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.