ސަރުކާރުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ދަރަނި އަނބުރާ ދެއްކުމަށާއި އިންޓްރެސްޓަށް އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ މިއަދު ހޭދަކުރަން ޖެހޭ ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެއަށްފަހު 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، އާންމުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާ ގުޅޭ މުހިންމު ހަރަދުތަކެއް އިތުރަށް ކުރަން ޖެހުނު ކަމަށެވެ.

ނަމަވެސް އެކަން ކުރަން އޮތް ހަމައެކަނި މަގަކީ ސަރުކާރުން އިތުރަށް ދަރަނިވެރިވެގެން ކަމާއި ފައިސާ ޗާޕުކޮށްގެން ކަން މިދިޔަ ސަރުކާރުން ބަޖެޓު ހުށަހެޅިއިރު ތަކުރާރުކޮށް ބުނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު އަލުން އިއާދަވާން ފަށައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ފައިސާ ޗާޕުކުރުމަށް ކަނޑައަޅާފައިވާ އިސްތިސްނާގެ ހާލަތްތައް ނެތިދިއުމަށްފަހު ވެސް، އާންމުންނާއި ގައުމުގެ މާލިއްޔާގެ މަސްލަހަތުގެ މައްޗަށް ސިޔާސީ ތައައްސަބު އިސްކޮށް، އިތުރުކުރަމުން ދިޔަ ހަރަދުތައް ފޫބެއްދުމަށް ފައިސާ ޗާޕުކުރުމުގެ ސިޔާސަތު މިދިޔަ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މުހިންމު ހޭދަތަކުގެ ނަމުގައި އޭރުގެ ސަރުކާރުން ރާއްޖޭގެ އިގްތިސޯދާއި ދައުލަތުގެ އާމްދަނީ އާ ނުބައްދަލު މިންވަރަކަށް ހަރަދުތައް އުފުލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިގޮތުން، ފަސް އަހަރު ކުރިން 28.2 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް 50.9 ބިލިއަން ރުފިޔާއަށް އަރުވައި، ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައާ ހަމައަށް ދައުލަތުގެ ޖުމުލަ ދަރަނި ގެންގޮސްފައި. ނަތީޖާ އަކީ މިއަދު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރަން ޖެހުން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ނަތީޖާއަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރަށް ހިދުމަތް ފޯރުކޮށްދޭ ކޮންޓްރެކްޓަރުންނާއި ވެލްޑަރުންގެ ބިލުތަކަށް އަދާކުރަންވާ ފައިސާ އަދާނުކުރެވި ބިލުތައް ފުނިޖެހިގެން ދިއުމެވެ.

މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރޭވުންތެރިކަމެއް ނެތް ފިސްކަލް ޕޮލިސީއެއް ތަންފީޒުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔާ ހަރާބުގެ މަގަށް ހުށަހެޅި، ގައުމު ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެނަށް މި ޖެހެނީ ހުރިހާ ކަމެއް އަލުންބަލުން ފަށަން، އިގްތިސޯދީ ގޮތުން ބެލިކަމުގައި ވިޔަސް އަދި އިޖުތިމާއީ ގޮތުން ބެލިކަމުގައި ވިޔަސް، އަދި މީގެ އިތުރުން އަންހެނުންނާއި ޒުވާނުންނާއި އަދި އެންމެހައި ރައްޔިތުންގެ ހާލަތަށް ފަރުދީ ނަޒަރަކުން ބެލިކަމުގައި ވިޔަސް، ފެންނާން އޮތީ ހަމަ މި ހަގީގަތް،"