ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ހަތް ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ކަރުދާހުގައިވާ ގޮތުން، ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އަޅާނެ ފަސް ފިޔަވަޅެއް ހިމަނާފައިވެއެވެ.

މިގޮތުން ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ސަބްސިޑީގެ އެހީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ސަބްސިޑީ ފޯރުކޮށްދޭ ނިޒާމަކަށް ބަދަލުކުރުން
  • އާސަންދަ ނިޒާމު މުރާޖައާކޮށް ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުން
  • ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފިސްކަލް ހިރާސްތައް ކުޑަކުރުން
  • ޕެންޝަންތައް މުރާޖައާކުރުން
  • ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުން

މީގެ އިތުރުން އާމްދަނީ އިތުރުކުރުމަށްޓަކައި ވެސް ފިޔަވަޅުތަކެއް އެޅުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ސިނގިރޭޓާއި ބިޑި ފަދަ ތަކެތީގެ އިމްޕޯޓް ޑިއުޓީ މަތިކޮށް، އެއާޕޯޓު ޓެކުހާއި ގްރީން ޓެކުހާއި ޓީޖީއެސްޓީ މަތިކޮށް އަމިއްލަ ފަރާތްތަކުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް ނަގާ ވެލިން ޑްރެޖިން ފީ އެއް ނެގުން ހިމެނެއެވެ.

އޭރުން އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ބަޖެޓުގެ ތަފްސީލް:

  • ޖުމްލަ: 56.6 ބިލިއަން ރުފިޔާ
  • އާމްދަނީ: 32.68 ބިލިއަން ރުފިޔާ
  • ހިލޭ އެހީ: 1.46 ބިލިއަން ރުފިޔާ
  • ރިކަރަންޓް ހަރަދު: 35.8 ބިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދު: 13.4 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ