އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރުގެ ބަޖެޓަށް އިތުރުކުރި ފަސް ބިލިއަން ރުފިޔާ އާ އެކު، ބަޖެޓުގެ ޖުމްލަ އަދަދު ވަނީ 55 ބިލިއަން ރުފިޔާ އަށް އަރައިފައެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.8 ބިލިއަން ރުފިޔާ ލިބޭނެއެވެ. އެއީ އާމްދަނީގެ ގޮތުގައި ލިބޭ 37.2 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 2.6 ބިލިއަން ރުފިޔާއެވެ.

ހަމަ އެއާއެކު، އަންނަ އަހަރު 49.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެއެވެ. އެއީ ޕީއެސްއައިޕީ އަށް 12.4 ބިލިއަން ރުފިޔާ، ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ، އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާއެވެ.

މިއީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭ ސަރުކާރުން ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރުވެސް މެއެވެ. އެގޮތުން މި އަހަރުގެ ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުރިއިރު، ފާއިތުވެދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 13.4 ބިލިއަން ރުފިޔާއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ބަޖެޓް ޑެފިސިޓް ކުޑަކުރެވިގެން ދާނެ ކަމުގައި ސަރުކާރުން ލަފާކުރެއެވެ.