މިއަހަރު މިހާތަނަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 28 ބިލިއަން ރުފިޔާ ލިބުނު އިރު، ހަރަދުގެ ގޮތުގައި 38 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހާ ހަމަައަށް ވަނީ ބަޖެޓުން 37.7 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ރިކަރަންޓް ހަރަދަށް 27 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ތެރޭގައި މުސާރަ އާއި އިނާޔަތްތައް ދިނުމަށް ބަޖެޓުން ވަނީ 10.3 ބިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާ އިރު ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މުސާރައަށް ކުރާ ހޭދަ ބޮޑުވީ ސިފައިންނާ ފުލުހުންނާއި ކުރިން ޕޭ ހާމަނައިޒްކޮށްފައިވާ އެހެނިހެން ދާއިރާތަކުގެ މުސާރަތަކާ ގުޅިގެން ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 28 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށް ފިނޭނސް މިނިސްޓްރީން ބުނެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 400 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 1.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާމްދަނީ އިތުރު ވެފައި ވަނީ ޓޫރިޒަމުން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދު ނުވަތަ ޕްރޮޖެކްޓްތަކަށް ހޭދަކޮށްފައިވަނީ 10.5 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ހަމައެއާއެކު މި އަހަރުގެ މިހާތަނަށް ލޯނު ދެއްކުމަށް ވަނީ ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި ކައުންސިލްތަކަށް އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

މީގެ ކުރިން ކޮންމެ ހަފްތާއަކު އާންމު ކުރާ މާލީ ހިސާބުތައް އާންމުކުރުން ހުއްޓާލާފައި ވަނީ މިދިޔަ ޖޫން މަހުން ފެށިގެންނެވެ. އޭރު މާީ ހިސާބުތައް އާންމުކުރުން ހުއްޓާލީ ހިސާބުތައް ދިމާނުވާތީ ކަމަށް ފިނޭނސުން ބުނެފައި ވެއެވެ، އަދި އަލަށް އެ ހިސާބުތައް އާންމު ކުރީ އޮޑިޓާ ޖެނެރަލްގެ ލަފާގެ ދަށުން ކަމަށް ވެސް މިއަދު ފިނޭންސުން ބުނެފައި ވެއެވެ.