ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކޮށްދެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ އެއްބާރުލުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކޮށްފިއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް ގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭ އަދަދު މިރޭ އިތުރު ކުރުމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ 24 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރަން ބޭރު ގައުމުތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު 1200 އަށް އިތުރު ކުރުމަށް ނިންމި ނިންމުމަކީ އެ ކުދީންނަށާއި އެ ކުދީންގެ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

"ދިވެހި ގައުމުގެ ތަރައްގީގައި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް ވާގިވެރިވަމުން ދާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން" ސަރުކާރުން ނެރުނު ބަޔާނުގައި ވެއެވެ.

އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނި ކުޑަކޮށް، ދައުލަތަށް ލިބޭ އާމުދަނީގެ މަންފާ ރައްޔިތުންނަށް އިތުރުވަމުންދާނެ ތިޔާގި ދުވަސްތަކެއް ގައުމަށް ހޯދައިދިނުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓު ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު ލިބޭ އަދަދު މަހަކަށް 1،200 ޑޮލަރަށް ބޮޑުކުރަން ރައީސް މުއިއްޒުގެ ކެބިނެޓުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭރު ނިންމާފައި އޮތީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ބަދަލު ގެނައުމަށެވެ.

ނަމަވެސް މުޅި ގައުމަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމުގައި އެކަން ވަނީ ކުރެވޭ ގޮތް ނުވެފައެވެ. މިދިޔަ އޮގަސްޓް މަހު ބީއެމްއެލް އިން ވަނީ ކްރެޑިޓް ކާޑުން ކެނޑޭ ލިމިޓް 100 ޑޮލަރަށް ކުޑަކޮށް އަދި ޑެބިޓް ކާޑުގެ ލިމިޓް އެއްކޮށް އުވާލި ނަމަވެސް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އިތުރުން އެމްއެމްއޭގެ ލަފާގެ މަތިން އެ ދުވަހު ބޭންކުން އެ ނިންމުން ވަނީ ބާތިލުކޮށްފައެވެ.