ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ ބާވަތްތަކުން ވިޔަފާރިކުރެވޭ އުމުރު 18 އަހަރުން 21 އަހަރަށް މަތިކުރަން ސަރުކާރުން އިސްލާހެއް ހުށަހަޅައިފިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން، 21 އަހަރުން ދަށުގެ މީހުންނަށާއި ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ ތަކެތި ވިއްކުމާއި، އެފަދަ މުއާމަލާތެއްގައި 21 އަހަރުން ދަށުގެ މީހުން ބައިވެރިކުރުން މަނާވާނެއެވެ.

ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ފުރިފައިވާ މީހެއްކަން ޔަގީންކުރުމަކީ އެފަދަ ބާވަތެއް ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ބަޔާންކޮށް، އެ އިސްލާހުގައިވާ ގޮތުން އެފަދަ ބާވަތެއް ގަންނަ މީހަކީ ނުވަތަ ކުއްޖަކީ 21 އަހަރު ފުރިފައިނުވާ މީހެއް ނުވަތަ ކުއްޖެއް ކަމަށް ބެލެވޭނަމަ އުމުރު ޔަގީންކުރުމަށްޓަކައި އައިޑީކާޑު ނުވަތަ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމަށް ވިޔަފާރިތަކުން އަންގަން ޖެހޭނެއެވެ.

ހަމަ އެހެންމެ ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ތަންތަނުން، 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދިންނަށް ވިއްކުން ގާނޫނުގައި މަނާކަމެއްކަން އަންގައިދޭ ލިޔުމެއް ހަރުކުރުމަށް ވެސް، މިއިސްލާހު ފާސްވެއްޖެނަމަ މަޖުބޫރުވާނެއެވެ.

މި އިސްލާހު ފާސްވެއްޖެނަމަ، ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި އެފަދަ އެއްވެސް އެއްޗެއް އާންމުންނަށް ފެންނަ ގޮތަށް ބެހެއްޓުމާއި އިޝްތިހާރުކުރުން މަނާވާނެއެވެ.

އަދި މި އިސްލާހު ފާސްވެއްޖެ ނަމަ ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ކަމާބެހޭ މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސެއް ނެގުން ލާޒިމްވާނެއެވެ.

ހަމަ އެއާއެކު ދުންފަތުގެ ހުއްދަނޫން ބާވަތަކުން މުއާމަލާތްކޮށްފިނަމަ 500 ރުފިޔާ އާއި 100،000 ރުފިޔާއިން ކުރާ ޖޫރިމަނާ 1،000 ރުފިޔާ އާއި 1 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކަށް އިތުރުކުރުމަށް ވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

މި އިސްލާހު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ތައާރަފްކުރަން ވަނީ ނިންމައިފައެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅީ، ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭ އުމުރު 21 އަހަރަށް މަތިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަން މިދިޔަ ހޯމަ ދުވަހު ހާމަކުރައްވާފައި ވަނިކޮށެވެ. 'އެކްސް'ގައި ރައީސް ލިޔުއްވި ގޮތުގައި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ހެދުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.