ސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން ޔުނިފޯމް މުވައްސަސާތަކުގެ މުވައްޒަފުން ޑިއުޓީގައި ނުވަތަ ޔުނީފޯމްގައި ތިބެ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވާނެ ކަމަށާއި އެފަދަ ފަރާތްތަކަށް އިދާރީ ފިޔަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރަން ތާރީހެއް ކަނޑައަޅާފައި ވާ އިރު، ސަރުކާރުގެ މުވައްސަސާތަކުގައި ތިބޭ މުވައްޒަފުން ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މިފަދަ މުވައްޒަފުންނާ މެދު އަމަލު ކުރާނެ ގޮތަކީ ކޮބައިތޯ އަދި ވޭޕް މަނާ ކުރުން ތަންފީޒު ކުރެވޭނެތޯ އަހާފައެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، ސަރުކާރު މުވައްސަސާތަކުގައި ވަޒީފާ އަދާ ފަރާތްތަކުން ޔުނީފޯމްގައި ތިބެގެން ނުވަތަ ޑިއުޓީގައި ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޔުނީފޯމް ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑަކްޓާ ވެސް ހިލާފް ކަމެއް ކަމަށެވެ. މިފަދަ މައްސަލަތައް ފާހަގަ ވެގެން ވަކިވަކި ކޭސްތަކަށް ވެސް އެޓެންޑްވެފައި ވާނެ ކަން އިހުސާން ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކުގެ ތެރޭގައި ޕްރެކްޓިކަލީ ތަންފީޒު ކުރަން އުނދަގޫ ގާނޫނުތައް އެބަ ހުރި ކަން ފާހަގަ ކުރައްވަމުން އިހުސާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަކަށް އަލިއަލުވާލައްވާފައެވެ. ގާނޫނު ތަންފީޒު ކުރުމައްޓަކައި ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ކުރެއްވި ޕޯސްޓަށް އިޝާރާތް ކުރައްވަމުން އިހުސާން ވިދާޅުވީ، ގާނޫނު ތަންފީޒު ކުރުމަށް ޔުނީފޯމް މުވައްސަސާތަކަށް ދައުރުތަކެއް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މިކަން ހައްލު ކުރުމަށް މުވައްސަސާތަކުގެ ތެރޭގައި ހިންގަން ޖެހޭ ތަމްރީންތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ އިއުލާން ތަކުން ރައްޔިތުންނަށް އެ ތަފާތު ފެންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މުވައްސަސާތަކުން އެކަމުގައި ލީޑާޝިޕް ވެސް އަދި ނަމޫނާ ވެސް ދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުވައްސަސާތަކަށް ނަގާފައި ވަނީ ވެސް މި މުޖުތަމައުތެރޭގައި ދިރިއުޅޭ މީހުން ކަމަށާއި އެންމެންނަކީ އެދެވޭ ގޮތަށް އަމަލު ކުރާ ބައެއް ނޫން ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން ބައެއް ފަރާތްތަކުން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލު ކުރާ ކަމަށާއި އެ ފަދަ ފަރާތްތަކާ މެދު އަޅަން ޖެހޭ އިދާރީ ފިޔަވަޅުތައް އަޅާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. މިހާރު މުވައްސަސާތަކާ ހަވާލުވެ ތިއްބެވި ވެރިން އެތަނުގެ މުވައްޒަފުން ގާނޫނާ ގަވާއިދަށް މަސައްކަތް ކުރޭތޯ ބައްލަވާނެ ކަމުގެ ޔަގީން ކަން އެބް އޮތް ކަމަށް އިހުސާން ވިދާޅުވިއެވެ.
ހަމައެއާއެކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މިންވަރަށް ބަލާފައި ރާއްޖޭގައި ވޭޕް ކޮންޓްރޯލް ކުރެވިދާނެ ކަމާ މެދު އުފެދޭ ސުވާލުތަކާ ގުޅިގެން އިހުސާން ވިދާޅުވީ، މިއީ ކުރެވިދާނެ ކަމެއް ކަމަށެވެ. މި ސަރުކާރު އައުމަށް ފަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ބޭނުން ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ވެފައިވާ މިންވަރު ތަފާސްހިސާބަށް ބެލީމައި ފެންނާނެ ކަމަށާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްގެ ކެޕޭސިޓީ ވެސް އިތުރު ކުރަމުން އަންނަ ކަމަށާއި ރާއްޖެއަށް އެ ތަކެތި އެތެރެ ކުރުން ހުއްޓުވުމަށާއި ގާނޫނު ތަންފީޒު ކުރެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.