ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަދި ބަނގުރާ އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ 20 ވަނަ ދުވާހާ ހަމައަށް 328 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ އަތުލައިގެންފައިވާ ކަމަށެވެ.
މިކަމުގެ ތަފްސީލް ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ވިދާޅުވީ ނޮވެމްބަރު 17އިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް 177 ކިލޯގްރާމްއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 8،300 އަށްވުރެ ގިނަ ބަނގުރާ ފުޅި އަދި ދަޅު އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތީގެ މަގުމަތީގެ އަގު 328 މިލިއަންވުރެ މައްޗަށް އަރާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ 335 މައްސަލަ ތަހުގީގުކޮށް ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި މާލެއާއި އަތޮޅު ތެރޭގައި 155 އޮޕަރޭޝަން ހިންގާފައި ވާއިރު، 12،000އަށްވުރެ ގިނަ ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.
900އަށްވުރެ ގިނަ މީހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި އުޅޭ ބިދޭސީންގެ ތެރެއިން 145 ބިދޭސީއަކު އިމިގްރޭޝަންއާ ހަވާލު ކޮށްފައިވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އިހްސާނު ވިދާޅުވީ މި ކަމުން އަންގައިދެނީ ރާއްޖޭގެ މާހައުލުގައި މަސްތުވާތަކެތީގެ މައްސަލަ އޮތް މިންވަރު ކަމަށާއި އަމާޒަކީ މި ދައުރުގައި މިކަމަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާއިރު، ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް ކަމަށާއި އެ ބަދަލުތައް ޑްރާފްޓްކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ތެރޭގައި މި ބިލްތައް ގާނޫނަކަށް ބަދަލުކުރެވޭ ވަރަށް މަސައްކަތް ކުރާނެ ކަމަށް އެޓާނީ ޖެނެރަލްއިން މައުލޫމާތު ދީފައިވާކަން އިހްސާން ފާހަގަކުރެއްވިއެވެ.