ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އާސަންދަ ދިނުން ހުއްޓާލަން ވިލިމާލެ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ގޮވާލައްވައިފިއެވެ.
ދުންފަތާއި ވޭޕުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ ރާއްޖޭގައި އާންމުވެގެންދާ ބަލިތަކަށް ނަޒަރު ހިންގާލާއިރު، ކެންސަރު ބަލި އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ތެރެއިން 37 ޕަސެންޓު ހިއްސާކުރަނީ ޒުވާނުން ކަމަށާއި، މިއަދު ގިނަ ޒުވާނުންތަކެއް ދުންފަތުގެ އިސްތިއުމާލުކޮށް ވޭޕްކުރަމުންދާ ކަމަށެވެ.
"ގާތްގަނޑަކަށް ގޭތެރެއިން ފެށިގެން ގޮސް ސްކޫލް ސިސްޓަމް ތެރެއިން ގޮސް މި އާންމުވެ ގޮސް އެންމެ ތުއްތު ކުދިން ހަތް އަހަރުން އަށް އަހަރުން 10 އަހަރުން 12 އަހަރުން މި ބޮއެގެން ދާއިރުގަ އަޅުގަނޑުމެން ބަލަހައްޓައިގެން ތިބެންވީތޯ؟" އޭނާ ސުވާލު އުފެއްދެވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއީލް ވަނީ، ދުންފަތުގެ އިސްތިއުމާލުކޮށްގެން ޖެހޭ ބަލިބައްޔަށް އާސަންދަ ދިނުން ހުއްޓާލަން ގޮވާލައްވައިފައެވެ.
މީގެ އިތުރުން، އާންމު ބައެއް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން ފާހަގަކުރައްވައި، ތަންފީޒީ އިދާރާތަކުން އެދެވޭ ގޮތެއްގައި އެ ގަވައިދު ތަންފީޒުކުރަމުން ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ 25 ޕަސެންޓުން 50 ޕަސެންޓަށް އިތުރުކޮށް، ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން ނަގާ ތިން ރުފިޔާ އަށް ރުފިޔާ އަށް ބޮޑުކުރުމަށާއި، އީ-ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ކެމިކަލްތަކާއި ފްލެވާތަކުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 50 ޕަސެންޓު ނަގައި ކޮންމެ މިލިލީޓަރަކަށް އަށް ރުފިޔާ އިތުރުކުރުމަށް އިސްލާހެއް ހުށަހަޅައިފައެވެ.
މީގެ އިތުރުން ދެން އީ-ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ 25 ޕަސެންޓުގެ އިމްޕޯޓް ޑިއުޓީ 200 ޕަސެންޓަށް އިތުރުކޮށް، ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް ހުންނަ ދުންފަތުގެ އުފެއްދުންތައް އެއާ އެއްފަދަ މުދަލުގެ ބާވަތެއްގެ ގޮތުގައި ހިމެނުމަށް ވެސް އެ އިސްލާހުގައި ހުށަހަޅާފައިވެއެވެ.