ރާއްޖެއަކީވެސް މުސްތަގްބަލުގައި ކާނާގެ ޔަގީންކަން ކަށަވަރުވެފައިވާ ގައުމަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ރަމީލާ މިހެން ވިދާޅުވީ، އިޓަލީގެ ވެރިރަށް ރޯމްގައި މިމަހުގެ 21 އިން 25އަށް ކުރިއަށް ގެންދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ހިމެނޭ ފޯރަމްތަކުގެ ތެރެއިން ''ކޯޑިނޭޓެޑް ޕޮލިސީ ރިސްޕޯންސަސް ޓު ފުޑް ކްރައިސިސް – ދަ ސްޓޭޓް އޮފް ދަ ފުޑް ސެކިޔުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް" ފޯރަމްގައި ވާހަކަދައްކަމުންނެވެ.
މި ގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވަމުން އަންނަ ގައުމެއް ކަމަށާއި، މިގޮތުގައި ދެމިތިބުމަކީ ހައްލެއް ނޫންކަމަށެވެ. ދިވެހިރާއްޖޭގެ ކާނާގެ ނިޒާމު މިހާރު ބައްޓަންވެފައިވާ ގޮތް ބަދަލު ކުރަންޖެހޭ ވަގުތު ޖެހިއްޖެކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދަނޑުވެރި އުފެއްދުންތެރިކަން ހަމައެކަނި ޒަމާނީ މަސައްކަތްތަކަކަށް ބަދަލުވާންވީ ނޫންކަމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުރެވޭ މަސައްކަތްތަކަކަށް ވާންޖެހޭނެ ކަމަށެވެ.
"ރައިޓް ޓު ފުޑް" ގައިޑްލައިންގައިވާ ކަންކަން އެންމެ ފުރިހަމައަށް ހާސިލްކުރުމުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ފާހަގަކުރަމުން ރަމީލާ ވިދާޅުވީ މައިގަނޑު ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ހިމެނޭކަމަށެވެ. އަދި ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށް އެކަށީގެންވާ މިންވަރަށް ބިން ލިބުން ދަތިވުމާއި ދުނިޔޭގައި ހިނގާ ހަނގުރާމަތަކާއި ބަލިމަޑުކަންފަދަ ކަންކަމުން ދުނިޔެއަށް އަންނަ ކުއްލި ބަދަލުތައް ހިމެނޭކަމަށް ރަމީލާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގައި އާބަން ގާޑްނިން، ސްކޫލް ގާޑެނިން އަދި ކޮމިޔުނިޓީ ގާޑެނިން ފަދަ ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް ތައާރަފްކޮށް އެކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގު އެއްކުރުމުގަޔާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ހިނގާ ހޭދަ ކުޑަކުރުމަށް ގައުމީ ފެންވަރުގައި ކުރާ ހޭދަ އިތުރުކުރަންޖެހޭކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް ރަމީލާ ވިދާޅުވީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަކީ ހުރިހާ ގައުމަކުންވެސް ހާސިލްކުރަން ބޭނުންވާ މުހިންމު ލަނޑު ދަނޑިއެއްކަމަށެވެ. އަދި އެންމެ ކާމިޔާބުކަމާއެކު މިލަނޑުދަނޑި ހާސިލްކުރެވޭނީ ވަކިވަކި ގައުމުތަކުން ކުރާ މަސައްކަތްތަކަކީ، ގުޅިގެން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހެދިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރަމީލާ ވަނީ ރާއްޖެފަދަ ކުދި ގައުމުތަކުން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާ ކަމަށެވެ.