ހދ. ހިރިމަރަދޫ ނެރު ތިލަވުމުގެ ސަބަބުން ރައްޔިތުންނާ އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކުރިމަތިވަމުން އަންނަ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމުގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެހެން ރަށަކަށް ހިޖުރަކުރުމަށް ރައްޔިތުން ގެ ގިނަ ބަޔަކު ބޭނުންވާ ހިރިމަރަދޫ ނެރު ތިލަވުމުގެ މައްސަލައިގައި އެ ރަށު ކައުންސިލުގެ ރައީސް މުހައްމައްދު ވަހީދު ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. އަދި މި މައްސަލަ ރޭ ލޯކަލް ގަވަނަންސް މިނިސްޓަރީގެ ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ނެރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރާ ގުޅުން ހުރި ފަރާތްތަކާ އެކު މަސައްކަތް ކުރާނެކަމަށެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވަނީ، ހިރަމަރަދޫ ކައުންސިލުން އެ ރަށުގެ މީހުން އެހެން ރަށަކަށް ބަދަލުކޮށް ދިނުން އަވަސް ކޮށްދިނުމަށް ވެސް އެދިފައިވާ ކަމަށެވެ. މީގެ ކުރިން އާދަމް ޝަރީފް ވަނީ ހިރިމަރަދޫ ރައްޔިތުން ބަދަލުވާން ބޭނުންވަނީ ތުލުސްދޫއަށް ކަން އެ ރަށު ރައްޔިތުން ހާމަކޮށްފައިވާ ކަމަށެވެ.
ހިރިމަރަދޫގެ އާބާދީގައި 589 މީހުން ރަޖިސްޓްރީ ވެފައި ވާއިރު، އެ ރަށުގެ ގިނަ މީހުން ދިރިއުޅެމުން ދަނީ ރަށުން ބޭރުގައެވެ. އެހެންކަމުން ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ މާލެ ސަރަހައްދުގެ ރަށަކަށް ހިޖުރަކުރަން ކަމަށް ހިރިމަރަދޫ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތައް ލޯކަލް ގަވަނަންސް މިނިސްޓަރީ އާއި ކޮށްފައިވާއިރު ތުލުސްދޫ ހިޔާރުކޮށްފައި ވަނީ އެ ރަށަށް ހިޖުރަކުރެވޭ ވަރަށް ބިން އޮތުމުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ރަށު ކައުންސިލުން ބުނީ ރައްޔިތުންގެ ފަރާތުން މިކަން ރައީސުލްޖުމްހޫރިއްޔާ އަށް ދެންނެވުމުން އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތުލުސްދުއަށް ހިޖުރަކުރެވޭނޭ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވާފައިވާ ކަމަށެވެ.