އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހު އަވަސްކުރަން ވެރިކަންކުރާ ޕީއެންސީން ގޮވާލުމަކީ 'ރައްޔިތުންނަށް ހަޖޫޖެހުން' ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ސިފަކޮށްފިއެވެ.
މިދިޔަ މޭ މަހުގެ ފަހުކޮޅު މީކާއީލް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ޖޫން މަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އިސްލާހު އިތުރަށް ދިރާސާކުރަން ފޮނުވި ނަމަވެސް، އެ އިސްލާހުގެ މަސައްކަތް ކުރިއަކަށް ނުދެއެވެ. އެހެންކަމުން އެ މަސައްކަތް ކުރިއަށް ނުދާތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވާފައެވެ.
ނަމަވެސް އެ މައްސަލަ މަޖިލީހުގައި މިހާރު ހިނގަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 192 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ނިންމީއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، މަޖިލީހުން ކުއްލި މައްސަލަ ބަލައިނުގަތަސް އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ހުށަހެޅި އިސްލާހުގެ މަސައްކަތްތައް އަވަސްކުރުމަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި ކަންކަން އެ ޕާޓީން ކުރާނެ ކަމަށެވެ.
ޕީއެންސީގެ ބަޔާނާ ގުޅުވައި އިސްލާހު ހުށަހެޅުއްވި މެންބަރު މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ އޮތީ ޕީއެންސީގަައެވެ. އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ޕީއެންސީގެ ޗެއާޕާސަން ކަމާއި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެޖޯރިޓީ އޮތީ ޕީއެންސީގައިކަން ވެސް ފާހަގަކުރެއްވިއެވެ.
"ޕީއެންސީގެ ފަރާތުން އަނެއްކާ ވެސް މި މައްސަލަ ލަސްވެގެން ރައްޔިތުންގެ މަޖިލީހަށް އިލްތިމާސްކުރާ ހިސާބަށް ދިޔައީމަ އަޅުގަނޑަށް ހީވަނީ އެއީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއްހެން،" މީކާއީލް ވިދާޅުވިއެވެ.