އިސްލާމް ދީނުގެ ޖުމްހޫރު އިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުން ނޯންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުން ނޯންނަކަމަށް ގިނަ އިލްމުވެރިން އިއްތިފާގުވާ ކަމަށާއި އެގޮތަށް ކަށުނަމާދު ކުރެވިދާނެ ކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށެވެ.

އެގޮތަށް ކަށުނަމާދު ކުރުން ޖާއިޒު ކަމަށް ދެކޭ އިލްމުވެރިން ވެސް ބުނަކީ އެއީ ވާޖިބު ކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ދީނުގެ ކަންކަމުގައި އަމަލުކުރަން ވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިކަމުގެ މިސާލެއްގެ ގޮތުގައި ޝަހީމް ދެއްކެވި އުހުދު ހަނގުރާމައިގައި ޝަހީދުވި މާތް ސަހާބީންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلم ކަށުނަމާދު ކުރައްވާފައި ނުވުމެވެ. އަދި އެހަނގުރާމައިގައި އެކަލޭގެފާނުގެ ބޮޑު ބޭބޭފުޅު ހަމްޒަތުގެފާނުގެ ވެސް ޝަހީދުވެ ވަޑައިގެންނެވިކަން ފާހަގަ ކުރައްވާ ޝަހީމް ވަނީ ހަމްޒަތުގެފާނުގެ މައްޗަށް ވެސް އަދި ޝަހީދުވި އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށުނަމާދު ކުރައްވާފައި ނުވާކަން ފާހަގަ ކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގައި ކަމަށާއި ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނެތް ކަމަށެވެ. އަދި ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެއް ކަމަށާއި ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުއާކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޝަހީމް މިވާހަކަ ދައްކަވާފައި މިވަނީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު (62އ) އިޒްރޭލުން ޝަހީދު ކޮށްލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ނުކުރާތީ އާންމުންގެ ބައެއް މީހުން ފާޑުކިޔާތީއެވެ.