އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)ގެ "އެއާޕޯޓް އެކްސެލެންސް (އެޕެކްސް) އިން ސެކިއުރިޓީ" ޕްރޮގްރާމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފަށައިފިއެވެ.

މި އެސެސްމަންޓް ފެށުމުގެ ގޮތުން މިއަދު ނޫވިލު ސީޕްލޭން ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފު، އޭސީއައިގެ އެޕެކްސް ޓީމް ލީޑާ ގޭރީ ބައުޑަންގެ އިތުރުން އެމްއޭސީއެލްގެ އިސް ބޭފުޅުންނާއި އެޕެކްސް އެސެސްމަންޓް ޕްރޮގްރާމް ހިންގަވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"އެޕެކްސް އިން ސެކިއުރިޓީ" އެސެސްމަންޓް ޕްރޮގްރާމްގެ މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހުރިގޮތް ބަލައި އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ. މި އެސިސްމެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 5 ދުވަހުގެ މުއްދަތަކަށެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ، އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާއިރު، އުމްރާނީ ގޮތުންވެސް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދާ ކަމަށެވެ.

އަދި މި އެއާޕޯޓުގެ ހިދުމަތްތައް ހޯދާ އެއާލައިންތަކާއި ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމްއޭސީއެލްއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ އެޕެކްސް ސެކިއުރިޓީ އެސެސްމަންޓަކީވެސް މިފަދަ މަސައްކަތެއްކަމަށާއި މި އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި މި އެސެސްޓްމެންޓް ކުރިއަށް ގެންދާނީ ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީކާކް)ގެ އެހީއާއެކުއެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދާނީ، ބައިނަލްއަގްވާމީ ފެންވަރުގައި އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށް ކަމަށް ވެއެވެ.

އެގޮތުން، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)، އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)، އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ފަދަ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ގުޅިގެން އެއާޕޯޓް އޮޕަރޭޝަންސްއާއި ސަލަމާތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން ގެންދެއެވެ.

އެޕެކްސް ސެކިއުރިޓީ އެސެސްމަންޓުގެ ސަބަބުން އެއާޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ވީއައިއޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.