މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ބްރަދާސްގެ ޗެެއާމަން، ޗަންޕާ މުހައްމަދު މޫސާ (އުއްޗު) އާއި ކްރައުން ކޮމްޕެނީގެ ޗެއާމަން، ޗަމްޕާ ހުސެއިން އަފީފަށް މި ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އަދި ހޯދާ ކާމިޔާބީތަކާއި ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އިން ދޭ "ފޭސް އޮފް ސައުތު އޭޝިއާ" އެވޯޑް އަރުވައިފިއެވެ.

މީރު އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ސާޓާގެ ނައިބް ރައީސް ސޫރަޖް ހާންއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސާޓާގެ ނައިބް ރައީސް ސޫރަޖް ވިދާޅުވީ 1970 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި ފަތުރުވެރިކަން ފެށުނު ފަހުން ސިނާއަތައް އިންގިލާބީ ބޮޑުބަދަލެއް އައިސްފައިވާ ކަމަށެވެ. އެގޮތުން މި ބަދަލުގެ ފަހަތުގައި އުއްޗު އާއި ހުސައިން އަފީފްގެ މުހިންމު ދައުރެއްވާ ކަމަށާއި އެއީ ތައުރީފް ހައްގު މަސައްކަތެއް ކަމަށާއި ފާހަގަ ކުރަން ވެސް މުހިއްމު ކަމެއް ކަމަށް ސޫރަޖް ފާހަގަ ކުރެއްވިއެވެ.

ސޫރަޖްގެ ވާހަކައިގައި ވަނީ ޗަންޕާ ބްރަދާސްއަކީ ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކުންފުންޏެއް ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީގެ އިތުރަށް ދަނޑުވެރިކަމާއި މަސްވެރިކަމާއި ރިއަލް އެސްޓޭޓާއި، ފެން އުފެއްދުމާއި އަދި މާލީ ހިދުމަތްތަކުގެ ބޮޑު ޕޯޓްފޯލިއޯއެއް ޗަމްޕާ ކުންފުނީގައި އޮތްކަން ސޫރަޖު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ޗަންޕާގެ ދެބެއިން ކުރައްވާ މުހިއްމު މަސައްކަތްތައް އޭނާ ފަހަގަ ކުރެއްވިއެވެ.

މި އެވޯޑާ ހަވާލުވުމަށްފަހު ވާހަކަދައްކަވަމުން ޗަމްޕާގެ ދެބެއިން ވިދާޅުވީ، މިފަދަ އެވޯޑެއް ލިބިވަޑައިގަތުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި، އެ އެވޯޑް ދެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިފަދަ އެވޮޑެއް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް ވެސް އެ ދެބެއިން ފާހަގަ ކުރެއްވިއެވެ.

އުއްޗު އާއި އަފީފަށް މި އެވޯޑް ލިބިފައި މި ވަނީ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮށްދެއްވާފައިވާ މުހިންމު ހިދުމަތްތައް ފާހަގަކޮށެވެ. މިދެ ބޭފުޅުންގެ އިތުރުން މިދިޔަ މަހު ނޭޕަލްގެ ކަތަމަންޑޫގައި ބޭއްވި ސަޓާ އެވޯޑްސް 2024ގައި އިތުރު ތިން ބޭފުޅަކަށް ވެސް މި އެވޯޑު ވަނީ އަރުވާފައެވެ. އެއީ ނޭޕާލްގެ ދެ ބޭފުޅަކާއި ބަންގްލަދޭޝްގެ ބޭފުޅަކަށެވެ.

ސާޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާއިންދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއީ ސާޓާ އެވޯޑް ބޭއްވި 8 ވަނަ އަހަރެވެ.