ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގާ ހުރިހާ ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފިއެވެ.

"ދަ ޕްރެސް"އަށް އެނގިފައިވާ ގޮތުގައި ދެ މަސް ކުރިން އެ ކުންފުނީގެ ބައެއް ރިސޯޓުތަކުގައި ޑޮލަރުން މުސާރަ ދޭން ވަނީ ފަށާފައި ވީ ނަމަވެސް ހުރިހާ ރިސޯޓެއްގައި ޑޮލަރުން މުސާރަ ދޭން ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ މިހިނގާ ޖެނުއަރީން ފެށިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 11 ރިސޯޓެއް ހިންގަމުން އަންނައިރު، މީގެ ކުރިން އެ ކުންފުނީގެ މުވައްޒަފުންނަށް އަސާސީ މުސާރަ ދެމުން އައީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް، އޭރުވެސް ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ފައިސާ ދެމުން އައީ ޑޮލަރުންނެވެ.

މި ބަދަލާއެކު، އެ ކުންފުނީގެ ހުރިހާ ރިސޯޓުތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެން މުސާރަ އާއި ސާވިސް ޗާޖުވެސް ލިބޭނީ އެމެރިކާ ޑޮލަރުންނެވެ. މިއީ ރިސޯޓު މުވައްޒަފުންގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މުވައްޒަފުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ގިނަ ރިސޯޓު ހިންގާ އެއް ކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މި ނިންމުމަކީ، ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީން ވަކި މިންވަރެއް ދިވެހި ބޭންކަށް ޖަމާކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާއެކު ޗަމްޕާ ރިސޯޓުތައް ހިމެނޭހެން ފަތުރުވެރިކަމުގެ ދާއިރާގެ އެތައް ބަޔަކު ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިފައި އޮތުމަށް ފަހު ފެށިފެށުމެކެވެ.