ރާއްޖެ އެތެރެކުރަން އުޅުނު 1.86 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އެއީ 19 އޮކްޓޫބަރުގައި ވައިގެ މަގުން އެތެރެ ކުރަން އުޅުނު 1.86 ކިލޯގެ މެފެޑްރޯން އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާއިރު މި އަހަރުގެ 1 ޖެނުއަރީން ހުސްވި އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 282 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެފަދަ މައްސަލަތަކުގައި 8554 މީހުން ބަލާ ފާސްކޮށްފައިވާއިރު 712 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ޖުމްލަ 113 އޮޕަރޭޝަނެއް ފުލުހުންގެ ޑްރަގް އެންފޯސްމަންޓްއިން ހިންގާފައިވާއިރު 80 ބިދޭސީން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.

މިފަދަ މައްސަލަތައް އާންމުވެފައިވާއިރު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ހާއްސަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.