ރަސްފަރި ފަރު އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫއު އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، ރިސާޗް އުޅަނދު، އާރުވީ ތިމާވެށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އީޕީއޭގެ ޑިރެކްޓާ ޖެނެރަލް، އިބްރާހިމް ނައީމް އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓާ، އަބްދުލް މަތީން މުހައްމަދެއެވެ.

މި ރަސްމިއްޔާތުގައި އީޕީއޭ އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުންވެސް ވަނީ ބައިވެރިވެ ފައެވެ. މި ފަހުމުނާމާގެ މައިގަނޑު މަގްސަދަކީ އީޕީއޭއިން އިސްނަގައިގެން ކުރިޔަށްގެންދާ ރަސްފަރީގެ ފަރުތަކާއި މުރަކަތައް އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫއުއަށް އެމްޑަބްލިޔުއެސްސީން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން، މި މަޝްރޫއުގައި ބޭނުންކުރަމުންދާ އާރުވީ ތިމާވެށި އުޅަނދުގައި އެމްޑަބްލިޔުއެސްސީން ފެން ޕްލާންޓެއް ބެހެއްޓުމާއި ސާވޭ ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދިނުން ހިމެނެއެވެ. އަދި އެމްޑަބްލިޔުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މި މަޝްރޫއުއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމާއި ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދިނުންވެސް ހިމެނެއެވެ.

ރަސްފަރި ފަރަކީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރަކަށްވާއިރު މިއީ މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދުވެސްމެއެވެ.

ނަމަވެސް 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ރަސްފަރި ފަރަށް ބާޖެއް އަރައި، 2،800 އަކަ މީޓަރަށް ވުރެ ބޮޑު ފަރުގެ ސަރަހައްދެއް ވަނީ ހަލާކުވެފައެވެ. މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ރައްކާތެރި ކުމުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމްޑަބްލިޔުއެސްސީން އެޅި މުހިންމު ފިޔަވަޅެކެވެ.

އެމްޑަބްލިޔުއެސްސީއަކީ ތިމާވެށި ހިމާޔަތްކޮށް އަދި ރައްކައުތެރިކުރުމަށް ކުރިޔަށްގެންދެވޭ މިފަދަ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުންދޭ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.