ރާއްޖެއަށް އެތެރެކުރަން އުޅުނު 2.05 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އެއީ މިދިޔަ އަންގާރަ ދުވަހު ވައިގެ މަގުން އެތެރެ ކުރަން އުޅުނު 2.05 ކިލޯގެ ހެރޮއިން އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާއިރު މި އަހަރުގެ 1 ޖެނުއަރީން ހުސްވި އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 282 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެފަދަ މައްސަލަތަކުގައި 8554 މީހުން ބަލާ ފާސްކޮށްފައިވާއިރު 712 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ޖުމްލަ 113 އޮޕަރޭޝަނެއް ފުލުހުންގެ ޑްރަގް އެންފޯސްމަންޓްއިން ހިންގާފައިވާއިރު 80 ބިދޭސީން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.

އަދި އެކިއެކި އޮޕަރޭޝަންތަކުގައި 158.84 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އަތުލެވުނު މަސްތުވާތަކެއްޗާއި ބަނގުރަލުގެ އަދަދު 282،273،651.52 މިލިއަނަށް އަރާ ކަމަށް އެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.

މިފަދަ މައްސަލަތައް އާނމްުވެފައިވާއިރު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ހާއްސަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.