ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދިމާވެފައިވާ މައްސަލައެއް ކަމުގައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ހުރިހާ ރަށަކަށްވެސް ހޭޒަލް މެޕެއް ހެދުމަށް ނިންމާފައިވާ ކަމަށް އެންވާރަމެންޓު މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ތޯރިގު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި އެންވާރަމެންޓު މިނިސްޓްރީ އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ. އެގޮތުން ތޯރިގު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ރަށްގިރުމުގެ މައްސަލަ ދިމާވެފައި ވާކަމަށާއި މި މައްސަލަ އެކި ރަށްތަކަށް ދިމާވެފައި ވަނީ އެކި ވަރަށް ކަމަށެވެ.
ތޯރިގު ވިދާޅުވީ މި މައްސަލައަށް ހައްލެއް ގެނައުމަށް ރާއްޖޭގެ ހުރިހާ ރަށްތަކަށް ހޭޒަލް މެޕް ތައްޔާރު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 102 ރަށުގެ ޗާޓު ތައްޔާރު ކުރެވިފައިވާ ކަމަށެވެ. ތޯރިގު ވިދާޅުވީ މި ޗާޓުތައް އުފެއްދުމަށް ސެޓެލައިޓް ފޮޓޯތަކާއި އޭރިއަލް ފޮޓޯތައް ބޭނުން ކުރާ ކަމަށެވެ.
މީގެއިތުރުން ތޯރިގު ވަނީ މި ޗާޓުގައި އެރަށެެއްގައި ގިރާ ސަރަހައްދުތަކާއި އުދަ އަރާ ސަރަހައްދުތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ. މި ޗާޓު ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަން ފާހަގަ ކުރައްވަމުން ތޯރިގު ވިދާޅުވީ މި މަޝްރޫގެ އަމަލީ މަސައްކަތް ހިންގާނީ ކޮންސްރަކްޝަން މިނިސްޓްރީ އިން ކަމަށެވެ.
މިނިސްޓަރު ތޯރިގު ވަނީ މިއަހަރުގެ އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ މަތީ ފަންތީގެ ބައްދަލުވުން ތަކުގައާއި އެކި އެކި ފޯރަމް ތަކުގައިވެސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެ ފަދަ ނާޒުކު ގައުމަކަށް ލިބޭ ނުރައްކާތަކުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ކަން ވަނީ ފާހަގަކުރައްވާފައެވެ.
މިކަން ހައްލުކުރުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށްވެސް އދ ގައި ރައީސް ވަކާލާތު ކުރެއްވިކަން މިނިސްޓަރު ތޯރިގު ވަނީ ފާހަގަކުރައްވާފައެވެ.