ހުރަވީ ސްކޫލުގެ ދަރިވަރު ނިޔާވުމާ ގުޅިގެން ދަރިވަރުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ހުރަވީ ސްކޫލުގެ ދަރިވަރު އުމުރުން 13 އަހަރުގެ ފާތިމަތު ޝިމާ މުހައްމަދު ނިޔާވީ މިއަދު ސްކޫލުގައި އިންދައި ކުއްލި ގޮތަކަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޝިމާ ނިޔާވި ހަބަރު އަޑު އެއްސެވީ، ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކުގައި ކަމަށެވެ. އަދި ދަރިވަރުގެ ބެލެނިވެރީންނަށާއި އާއިލާގެ އިތުރުން ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުން އަދި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދި ރައީސް ވަނީ ދުއާ ކުރައްވާފައެވެ.

މާތްﷲގެ ތަނަވަސް ރަހްމަތާއި ނިއުމަތުގައި، ޝިމާ ލެހެއްޓެވުން އެދި ވެސް ރައީސް ވަނީ ދުއާ ކުރައްވާފައެވެ.

ސްކޫލުގައި އިންދާ ސިއްހީ ހާލަތެއް ދިމާވެ ޝިމާ ހުޅުމާލެ ހޮސްޕިޓަލްއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ހޮސްޕިޓަލްއަށް ގެންދިޔައިރު ވެސް ޝިމާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.