ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރަން ނިންމުމުން ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފިއެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ އޮފީހުން އެކްސްގައި އިއްޔެ ކުރި ޕޯސްޓުގައިވަނީ ވޭޕް ބޭނުންކުރުން މަނާކުރުމަކީ ޒުވާނުންގެ މެދުގައި ވޭޕްކުރުން އިތުރުވުމުގެ ސަގާފަތް ހުއްޓުވުމަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

މި ޕޯސްޓުގައި އިތުރަށް ބުނީ 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބަކޯ ސާވޭގައިވާ ގޮތުން ރާއްޖޭގެ 13 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާގެ 23.1 ޕަސެންޓު ފިރިހެން ކުދިންނާއި 10.7 ޕަސެންޓް އަންހެން ކުދިން އީ-ސިނގިރޭޓް ބޭނުންކުރާ ކަމަށެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ޒުވާނުންގެ މެދުގައި އީ-ސިނގިރޭޓް ނުވަތަ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް) އާއި އިލެކްޓްރޯނިކް ނޮން-ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް) އާއި ހޫނު ދުންފަތުގެ ބާވަތްތައް (އެޗްޓީޕީ) އަދި ނިކޮޓިން ޕައުޗް (އެންޕީ) ފަދަ ނޮވެލް އަދި އިމާޖިން ނިކޮޓިން އެންޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެންޕީ) ބޭނުންކުރުން އިތުރުވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމުގައި މި ޕޯސްޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި ވޭޕް މަނާކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާކޮށްފައެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގާފައެވެ.