ފެށޭ ދިރާސީ އާ އަހަރު މާލެ ސަރަހައްދުން އަލަށް ސުކޫލަށް ދަރިވަރުން ވެއްދުމަށް މާދަން ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބުނީ 2025 ވަނަ އަހަރުގެ ދިރާސީ އާ އަހަރު މާލޭގެ ސުކޫކުތަކަށް އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން ނިންމާފައިވާކަމަށެވެ.

އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާއިރު މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށެވެ. މި ފޯމު އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ސުކޫލަށް ވެއްދުމަށް ހުށަހަޅާ އެޕްލިކޭޝަން ފޯމުތައް ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 6 އެއް ކަމަށެވެ. ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ސުންގަޑިއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެދިފައެވެ.

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އެޑިއުކޭޝަން މިނިސްޓްރީ އިން ފަށާފައިވަނީ 96,000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ 96،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ކިޔެވުން ފެށިއިރު އޭގެތެރޭގައި ހިމެނެނީ 40,300 އެއްހާ އަންހެން ދަރިވަރުންނާ 42,700 އެއްހާ ފިރިހެން ދަރިވަރުންކަމަށެވެ.

ސަރުކާރުގެ 217 ސްކޫލެއްގައި 83,000 އެއްހާ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދާކަމަށާއި އޭގެ ތެރެއިން 17,000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.