ރާއްޖޭގައި ވޭޕް މަނާކުރުމަށް 215 ސްކޫލެއްގެ ޕީޓީއޭ އިން މިނިސްޓްރީގައި އެދިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ވަނީ ރާއްޖެއަށް ވޭޕް އެތެރެކޮށް، ބޭނުން ކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ.

ރާއްޖޭގެ ގިނަ ސްކޫލުތަކުން ވޭޕް މަނާކުރުމަށް އެދިފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ވޭޕްކުރުމުގެ ނުރަނގަޅު އާދައަށް ހޭލުންތެރި ކުރުވުމަށްޓަކައި މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލުތަކުގެ އިސްވެރީންނާއި ޕީޓީއޭގެ މެންބަރުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުން އަންނަކަމަށެވެ.

މިއީ، ސިއްހަތު ރަނގަޅު، ދުޅަހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށްޓަކައި ރައީސް ނިންމެވި މުހިންމު ނިންމުމެއްކަން ފާހަގަކޮށް މިފަދަ ދަނޑިވަޅެއްގައި ވޭޕް މަނާކުރެއްވުމަށް ރައީސް ނިންމިވި ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޝުކުރުއަދާކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން 2019 ވަނަ އަހަރު ހެދި ސާވޭގައި ދައްކާ ގޮތުން، ރާއްޖޭގެ 13 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން 17.1 ޕަސެންޓު ކުދިން އީ-ސިނގިރޭޓް ނުވަތަ ވޭޕް ބޭނުންކުރެއެވެ. ހަމައެއާއެކު 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުން ސްކޫލް އުމުރުފުރައިގެ ކުދިންގެ މެދުގައި އީ-ސިނގިރޭޓް ބޭނުންކުރަމުންދާ މިންވަރު އަންނަނީ ހަލުއިކަމާއެކު އިތުރުވަމުންނެވެ. ވޭޕް މަނާކުރުމުގެ މުހިންމުކަން މި ތަފާސްހިސާބުތަކުން ވެސް އެނގިގެންދެއެވެ.