ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ. މިއީ ހަރަދު ކުޑަކުރަން އެޅުއްވި ފިޔަވަޅެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މި ގޮތުން އެކިއެކި ވުޒާރާތަކުން ވަކިކުރާ ފަރާތްތައް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ވަކިކުރަން ކަމާބެހޭ ފަރާތްތަކަށް އަންގަވާދައި ވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެއެވެ.

އެގޮތުން ވަކިކުރާ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ؛

  • ސްޓޭޓް މިނިސްޓަރުން: 7
  • ޑެޕިއުޓީ މިނިސްޓަރުން: 43
  • ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުން: 109
  • ޕޮލިޓިކަލް ޑިރެކްޓަރުން: 69

މި ބަދަލާއެކު ދައުލަތުން ކުރަން ޖެހޭ ހަރަދުން މަހެއްގެ މައްޗަށް 5.714 މިލިއަން ރުފިޔާ ކުޑަވެގެން ދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮންމެ ސަރުކާރެއްގައިހެން އެ ސަރުކާރެއް ހިންގުމަށްޓަކައި ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ ބަޔަކު އައްޔަން ކުރެއެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް ސިޔާސީ މަގާމުތައް ހާހުން މަތިވެގެން ދިޔައެވެ. އަދި ހިނގަމުން މިދާ ސަރުކާރުގައި ވެސް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އައްޔަން ކޮށްފައި ވާ އިރު، ގިނަ ބޭފުޅުންނަކީ ދުވަހު ކުރާނެ ގިނަ މަސައްކަތެއްވެސް ނެތް ބޭފުޅުންކަން ފާހަގަ ކުރެވެއެވެ.

އަދި ގިނަ އަދަދެއްގެ ބަޔަކު ސިޔާސީ މަގާމުތަކަށް އައްޔަން ކުރުމަކީ ސަރުކާރަށް އަމާޒުވެގެން ދާ ފާޑުކިޔުމަކަށް ވުމުގެ އިތުރުން ހަރަދުގެ ގޮތުން އިތުރު ބުރަޔަކަށް ވަނީ ވެފައެވެ.