މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރު، އަހުމަދު ނަސީރު އަނެއްކާ ވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.

މިނިސްޓަރުގެ ފެންވަރުގައި ނަސީރު ފުރަތަމަ ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަގާމަށް އައްޔަން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ. އެފަހަރު ނަސީރުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު މުނައްވަރު ވެސް އެ މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަގާމަށް ވަނީ އައްޔަންކޮށްފައެވެ.

ނަމަވެސް އެއަށްފަހު ނަސީރު ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް މިދިޔަ އޭޕްރީލް މަހު ބަދަލުކޮށްފައެވެ. އެ މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުގައި ނަސީރު މިހާރު ހުންނެވީ ކުރިންވެސް ހުންނެވި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައެވެ.

ފިނޭންސް މިނިސްޓްރީގައި މިހާރު މިނިސްޓަރުގެ އިތުރުން ސިޔާސީ މަގާމުތަކުގައި 11 ބޭފުޅަކު ތިއްބަވާއިރު އެޑްވައިޒަރުގެ މަގާމުގައި ނަސީރުގެ އިތުރުން ތިން ސްޓޭޓް މިނިސްޓަރުންނާއި 8 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ.

މި ސަރުކާރުން އަންނަނީ ކުރިން މަގާމުތަކުން ވަކިކޮށްފައި ތިބި މީހުން މަގާމުތަކަށް އައްޔަންކޮށް، ބައެއް މަގާމުތަކުގައި ތިބި މީހުން ބަދަލުކުރަމުންނެވެ. އެގޮތުން ކުރިން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަމީރު ވަނީ ފިނޭންސް މިނިސްޓަރަކަށް ބަދަލު ކުރައްވާފައެވެ. މި ބަދަލު ގެނެސްފައި ވަނީ އެ މަގާމުގައި ހުންނެވި ޝަފީގު އިސްތިއުފާ ދެއްވުމާ ގުޅިގެން ކަން ވަނީ އެނގިފައެވެ.