މެލޭޝިއާގައި ބޭއްވި 64 ވަނަ ބައިނަލްއަގްވާމީ ގުރުއާން ކިޔެވުމާއި ހިތުދަސްކުރުމުގެ މުބާރާތުން ރާއްޖެގެ ދަރިވަރަކު ތިންވަނަ ހޯދައިފިއެވެ.

މި މުބާރާތުގެ އަންހެން ހަފާޒާން ކެޓަގަރީން ތިން ވަނަ ހޯދާފައިވަނީ ފާތިމަތު ޝާޔާ ޒާހިރުއެވެ. ޝާޔާ ހޯދި ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޝާޔާ އާއި އޭނާގެ އާއިލާއާއި ބައްދަލުކޮށް، މަރުހަބާ ވިދާޅުވެފައެވެ. މި ކެޓަގަރީން ޝާޔާ ތިންވަނަ ހޯދާފައިވަނީ 94.38 ޕަސެންޓު މާކްސް ހޯދާއިގެންނެވެ. މި ކެޓަގަރީން އެއްވަނަ 96.13 ޕަސެންޓް ސްކޯއާ އެކު ނައިޖަރުގެ ހަބްސަތޫ ހަމީސޫ ބައުބާކާރު ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ 94.89 ޕަސެންޓާއެކު މެލޭޝިއާގެ ޕުޓްރީ އަމީނާ މުހައްމަދު ހަނީފެވެ.

ފާތިމަތު ޝާޔާ ޒާހިރު އާއި އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވުން

މި މުބާރާތުގެ ކިޔެވުމާއި އަދި ހިތުދަސްކުރުމުގެ ކެޓަގަރީން ވެސް ވަނަ ހޯދި ފަރާތްތަކަށް ސަރުކާރުން 40،000 ރިންގިޓްގެ ފައިސާގެ އިނާމު ދީފައިވާއިރު މެލޭޝިއަން އިސްލާމިކް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައުންޑޭޝަން (ޔާޕެއިމް)އިން ވަނީ 12،000 ރިންގިޓްގެ ރަން ތަނޑިތަކުގެ އިތުރުން އިތުރު އިނާމާއި ސެޓްފިކެޓްތައް ދީފައެވެ.

ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް މެލޭޝިއާ (ޖޭކިމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 71 ގައުމަކުން 92 ބައިވެރިން ބައިވެރިވިއިރު، ކިޔެވުމުގައި 53 ވާދަވެރިންނާއި ހިތުދަސްކުރުމުގައި 39 ބައިވެރިން ބައިވެރިވެފައިވެއެވެ. މި އަހަރުގެ އެސެސްމަންޓްގައި އެކި ގައުމުތަކުގެ 15 ފަނޑިޔާރުން ބައިވެރިވެ، މޮރޮކޯގެ ބައެއް ފަނޑިޔާރުން ބައިވެރިވެފައިވެއެވެ. އަދި ތުރުކީ، ސައުދީ އަރަބިއްޔާ އާއި އިންޑޮނޭޝިއާގެ ފަނޑިޔާރުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ އިވެލުއޭޝަން ޕްރޮސެސްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ތަޖުވީދު، 'ފަސާހާ' (ފްލޫއެންސީ)، އަޑުގެ ފެންވަރު، އަދި ހިތުދަސްކުރުމުގެ ސައްހަކަން ފަދަ ކަންކަމަށެވެ.