އާދައިގެ މަތިން ލިބުނު ހުސްވަގުތެއްގައި ފޭސްބުކް ބަލަމުން ދިޔައީމެވެ. ސަމާލުކަން ހުއްޓުނީ ރައްޓެއްސަކު ޝެއާކޮށްފައި އިން ޕޯސްޓަކަށެވެ. ގިނަ ބަޔަކު ޝެއާކުރަމުން ދިޔަ އެ ޕޯސްޓަކީ ދިގު ލިޔުމެކެވެ. އެހެނަސް ކިޔާހިތުން އިދެ ކިޔާލީމެވެ. އަމިއްލަ އެތައް އިހުސާސްތަކެއް ބަންޑުން ކޮށްލާފައިވާ އެ ލިޔުން ކިޔާ ނިމުނުއިރު ލޮލުން ކަރުނަ ފާއްދާލައިފިއެވެ.

"ބައްޕަ އަހަރެންގެ އަތުގައި ހިފައިގެން ތަންތަނަށް ދާ އުފާވެރި އެތައް ހަނދާންތަކެއް ސިކުނޑީގައި އެނބުރެމުން ދެއެވެ. އޭގެ އަސަރުން ދޭ ހިތްދަތިކަން ކިޔައިދެނީ ލޮލުން ފައިބާ އިހްތިޔާރެއް ނެތް ކަރުނަތަކެވެ. އަޑިގުޑަން މި މަގުތަކުގައި އަހަރެންނާ އެކީ ވަނީ ހަމައެކަނި ބައްޕާގެ ހަނދާންތަކެވެ. ބައްޕާއެވެ. ހާދަ ވަރުބައްޔެއް ވެއްޖެއެވެ. އެހެނަސް ގޮތް ދޫކުރުމެއް ނެތެވެ. ނިންމާނަމެވެ." ލ. ފޮނަދޫއަށް އުފަން, އިބްރާހިމް ނާއިފް ލިޔެފައިވެއެވެ.

އެ ލިޔުމުގައި ކިޔައިދީފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު ނިޔާވި އޭނާގެ ބައްޕަ, ހުސައިން މުހައްމަދުގެ ވާހަކަތަކެވެ. އުމުރުން 80 އަހަރުގައި ނާއިފްގެ ބައްޕަ ނިޔާވިއިރު އޭނާ ހުރީ އިންޑިއާގެ ބެންގަލޫރުގައި އޮތް މެރަތަންއެއްގައި ބައިވެރިވުމަށް އެ ގައުމުގައެވެ. ގިނަ ތައްޔާރީ ތަކެއް ވަމުން ދަނިކޮށް މެރަތަންއަށް ދެ ދުވަހަށް ވެފައި ވަނިކޮށް ނާއިފްގެ ބައްޕަ ނިޔާވެ, ޖަނާޒާގައި ބައިވެރިވެވޭނެ ގޮތެއް ނުވިއެވެ. އެ ހުރިހާ ހިތްދަތި ކަމާއެކު ނާއިފްގެ އިހުސާސްތައް ލިޔުމަކުން ބަންޑުން ކޮށްލީއެވެ.

ނާއިފް އަދި އައިލޭންޑް ރަނާސް ޓީމް ފުރުމުގެ ކުރިން އެއާޕޯޓްގައި/ ފޮޓޯ: ނާއިފް

ލ އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑް 7 އާ ހިސާބަށް ކިޔެވުމަށްފަހު ނާއިފް ބަދަލުވީ މާލެއަށެވެ. ރަށުން އިތުރަށް ކިޔެވޭނެ ފުރުސަތު އޭރު ނެތުމުންނެވެ. އެއަށްފަހު ތައުލީމީ ހަޔާތް ނިންމާލީ އަހުމަދިއްޔާ ސްކޫލްގެ އިތުރުން މަޖީދިއްޔާއިން ކިޔެވުމަށްފަހުއެވެ. ތަފާތު ދާއިރާތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ނާއިފްއަކީ މިއަދު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޑެޓް (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.

ކުރާނެ ކަމެއް ނެތި، ދުވަން ފެށި ނާއިފް ވަނަތަކަށް

ކޮވިޑް 19ގެ ބަލިމަޑުކަމުގެ ރާޅު ބޯމަތިވަމުންދަނިކޮށް އަތޮޅުތެރެއިން މާލެ އައިސް ވަޒަންވެރިވެގެން ދިރިއުޅެމުން ދިޔަ ގިނަ މީހުންނޭ އެއްފަދައިން ނާއިފްވެސް ދިޔައީ އޭނާގެ އުފަން ރަށަށެވެ. އެ ދުވަސްވަރު ރަށުގައި ހުރި ހުރުމުގައި ކުރާނެ މާ ބޮޑު ކަމެއް ނެތިގެން ރައްޓެހިންނާއެކު ނާއިފް ދުވަންދާން ފެށިއެވެ. ފަހަރުގައިވެސް ދުވުންތެރިޔަކަށްވާނެ ކަމަކަށް އުންމީދު ކޮށްގެނެއްވެސް ނޫނެވެ. ކުރާނެ ކަމެއް ނެތި ވަގުތު ފުރުމަށެވެ.

އެގޮތަށް ދުވަންދާން ފެށުމުން އެކަމަށް ހިތުގައި އުފެދުނު ޝައުގާއި ލޯބިން ކޮވިޑަށްފަހު އަލުން މާލެ އައުމަށްފަހު ވެސް ނާއިފު ދުވަންދާން ފެށިއެވެ. އެއަށްފަހު ކޯޗެއްގެ އިރުޝާދުގެ ދަށުން ނާއިފު މަސައްކަތް ފެށިއެވެ.

ހައިދްރައާބާދުގައި މި އަހަރުގެ އޮގަސްޓް މަހު އޮތް އިވެންޓްގައި ނާއިފް އަދި އައިލޭންޑް ރަނާސްގެ ޓީމް/ ފޮޓޯ: ނާއިފް

މިއަދު ނާއިފަކީ ކުޅަދާނަ ދުވުންތެރިއެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ އެކި މެރަތަންތަކުގައި ބައިވެރިވެ, އަމިއްލަ ރެކޯޑުތައް އޭނާ ދަނީ ހަދަމުންނެވެ. އެތައް މެޑަލެއް ހޯދަމުންނެވެ. އައިރަނާސްގެ 10 ކިލޯމީޓަރު ރޭހުން އުމުރު ފުރައިން ދެވަނަ ހޯދިއިރު 2022 ވަނަ އަހަރު ޓީއެފްޖީއިން ބޭއްވި ލޯންގް ރަންގައި ފުލް މެރަތަން ކެޓަގަރީންވެސް ދެ ވަނަ ނާއިފް ވަނީ ހޯދާފައެވެ. އަދި މި އަހަރު އިންޑީއާގެ ހައިދަރްބާދުގައި ބޭއްވި މެރަތަންގައި 1 ގަޑިއިރާއި 37 މިނެޓުން ހާފް މެރަތަން ނިންމާ ނާއިފް މެޑަލް ހޯދިއެވެ. އޭގެ އިތުރުން އުމުރު ފުރައިން ބެންގަލޫރު މެރަތަންގައި ހާފް މެރަތަން ކެޓަގަރީގެ ޓޮފް 10 ގައި ނާއިފް ހިމެނުނެވެ.

"ދެން ދުވުމުގަ ބަލަނީ ވަނަތަކަށްވުރެ ބޮޑަށް ޓައިމް، އެމީހެއްގެ އަމިއްލަ ޕާސަނަލް ޓައިމިން ރަނގަޅު ކުރުމަށް"

ކޯޗު ދިން ހިތްވަރާއެކު މެރަތަންގައި ދުވި އިރު، ނާއިފްއާއެކު ބައްޕަގެ ހަނދާންތައް!

ނާއިފްގެ ބައްޕަ ނިޔާވި ހަބަރު އޭނާއަށް ލިބުނީ ކޯޗު އަދި ޓީމާއެކު ކާރުގައި ތިއްބައެވެ. އެއާއެކު އަނބުރާ ހޮޓަލަށް ދާން ކޯޗު އެދުނު ނަމަވެސް ނާއިފް ބޭނުންވީ ކުރަން ދިޔަ މަސައްކަތް ނިންމާލުމަށްފަހު އެނބުރި ދިއުމަށެވެ. ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް މާލެ އައުމަށް މަސައްކަތްކުރި ނަމަވެސް ނާއިފަށް އެންމެ އަވަހަށްވެސް މާލެ އާދެވެން އޮތީ ޖެހިގެން އައި ދުވަހުގެ މެންދުރުގެ ފްލައިޓުންނެވެ. އަދި މާލެ އައިސް ފޮނަދޫއަށް ދެވެން އޮތީ އެ ރޭގެ ވަގުތެއްގައި ފުރާ ފްލައިޓަކުންނެވެ.

ބައްޕަގެ ހަށިގަނޑު ވަޅުނުލާ އެހާ ގިނައިރު ބޭއްވުމަކީ ރަނގަޅު ކަމަކަށްނުވާތީ އާއިލާއާ މަޝްވަރާ ކުރުމަށްފަހު ނާއިފް ނިންމީ ބައްޕަގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. ފަހު ފަހަރަށް ބައްޕަގެ މޫނު ބަލާލުމުގެ ފުރުސަތު ނާއިފަށް ލިބުނީ ވީޑިއޯ ކޯލެއް މެދުވެރިކޮށެވެ. ބައްޕަ ނިޔާވި ހަބަރު ލިބުމާއެކު ވީ ދެރައަށްވުރެ ވެސް ހިތްދަތި އިހްސާސް އޭނާއަށް ކުރެވުނީ ބައްޕަގެ މޫނު ބަލާލުމުގެ ފުރުސަތު ނުލިބުމުންކަން ނާއިފް ފާހަގަ ކުރެއްވިއެވެ.

މެރަތަން ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ބައްޕަ ވަކިވެގެން ދިއުމުގެ ސަބަބުން ލިބުނު ހިތްދަތިކަމާއެކު އެ ދެ ދުވަހަކީ ނާއިފަށް އުދަނގޫ ދެ ދުވަހެވެ. ނަފްސާނީ ގޮތުން ވެސް މެރަތަންގައި ދުވުމަށް ނާއިފް ތައްޔާރު ނޫން ނަމަވެސް އޭނާގެ ހިތްވަރަކަށް ވީ ކޯޗެވެ. ހަޔާތުގައި ދިމާވި އެ ހިތްދަތި ދަނޑިވަޅުގައި އޭނާގެ ކޯޗު, ނަސްރުﷲ އަހްމަދު ދިން ހިތްވަރު ތަކުރާރުކޮށް ނާއިފް ފާހަގަ ކުރެއްވިއެވެ.

ބެންގަލޫރު ހާފް މެރަތަން އިވެންޓް ނިންމާލުމަށްފަހު، ނާއިފް ކޯޗު ނަސްރުﷲއާއެކު/ ފޮޓޯ: ނާއިފް
"ކޯޗު ވަރަށް ބޮޑަށް ހިތްވަރުދީގެން (މެރަތަންއަށް) ދިޔައީ، ކޯޗު ބުނި ރަށަށް ދާން ބޭނުންވިއްޔާ ރަށަށް ވެސް ދާންވިއްޔޭ ހަމަ، އެކޮޅުގަ ތިބި މީހުން ވެސް ބައްޕައަށް ހެޔޮދުއާކޮށްދީގެން، ޓީމަށާއި ހާއްސަ ގޮތެއްގައި ކޯޗަށް ޝުކުރު އަދާކޮށްލަން ބޭނުން"

ނާއިފް ކިޔާދިން ގޮތުގައި މެރަތަންގައި ދުވަމުން ދިޔައިރު ބައްޕަގެ ހަނދާތައް ވަނީ އޭނާ ވަށާލާފައެވެ. ރަށުގައި ދުވަން ގޮސް އެނބުރި ގެއަށް އައުމުން ބައްޕަކޮށްލާ ސުވާލުތަކެވެ." ދަރިފުޅާ ކިހާ ހިސާބަކަށް ގޮސްފަ ތިޔައީ؟ މިއޮށް ރޭގަނޑު އެކަނި ދިޔައީ؟" މިފަދަ ސުވާލުތަކެވެ. ކުޑައިރުގެ ހަނދާންތަކެވެ. ލަހުން ގެއަށް ދިޔުމުން ބައްޕަ ހިތްހަމަ ނުޖެހި އެއްޗެކޭ ބުނުމާއެކު ގެއިން ނުކުމެގެން ދިޔަ ރެއެއްގެ ހަނދާނެވެ. ގެއަށް ނުވަދެ ލަސްވުމުން ބައްޕައާއި ދޮންތަ ނިކުމެ ނާއިފް ގެއަށް ވައްދަން އުޅުމުން ރަށްވެހިގެ ވަށައިގެން ދުވުނުއިރު އަތުނުވިކަމެވެ.

"އުމުރުން 80 އަހަރުވީ ނަމަވެސް ބައްޕާ ތިޔަ ވަކިވީ މާ އަވަހަަށެވެ. ބައްޕާ އަހަރެންގެ ގާތުގައި ބަހައްޓައި ބައްޕާ ބަލަން އަހަރެން ބޭނުމެވެ. ރީތި ގަޑި އެޅުމަކީ ބައްޕާގެ ޝައުޤަކަށް ވީ ހިނދު އަހަރެން ގަނެފައި މި އޮތް ގަޑި ބައްޕާގެ އަތުގައި އަޅައިލަ ދޭ ހިތްވެއެވެ."

ގަޑިއެޅުމަށް ބައްޕަ ލޯބި ކުރާ މިންވަރެވެ. ގުޅާލާފައި ބައްޕައަށް ގަޑިއެއް ފޮނުވައިދިނުމަށް އެދޭ އެދުމެވެ. މީގެ ކުރިން ހަދިޔާކުރި ގަޑިތަކާއި ގަޑި ހަލާކުވެގެން ނުވަތަ ބެޓެރި ބަދަލުކޮށްދޭން ބައްޕަ އެދޭ އެދުމެވެ. މި ފަހަރު މެރަތަންއަށް ނާއިފް ފުރީ ބެންގަލޫރުން ބައްޕައަށް ގަޑިއެއް ގަނެދޭން އަޒުމަކޮށްގެންނެވެ. ބައްޕައަށް ހަދިޔާއަކަށް ނާއިފް ބެންގަލޫރުން ގަޑިއެއް ގަތެވެ. ނަމަވެސް ބައްޕައަށް އެ ގަޑި ހަދިޔާކުރުމުގެ ފުރުސަތު އުމުރަށް ގެއްލި ދިޔައީއެވެ.

މާލޭގަ ހުރެފަ ނާއިފްގެ ބައްޕަ ރަށަށް ދިޔައީ ކޮއްކޮ ނަވީންގެ ކައިވެންޏަށް، ނިޔާވީ ކައިވެންޏަށް ހަފްތާއެއް ފަހުން/ ފޮޓޯ: ނާއިފް

ކޮންމެ މަސައްކަތެއްގައި ހުއްޓަސް ދުވުމަށް ހާއްސަ އިސްކަމެއް ދޭ!

ކޯޗެއްގެ އިރުޝާދުގެ ދަށުން ދުވުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު އެ އިރުޝާދުތަކަށް ނާއިފް ފުރިހަމައަށް އަމަލުކުރެއެވެ. އެގޮތުން ޓްރެއިނިންގެ ގޮތުގައި ކޯޗު ދީފައި ހުންނަ ޕްރޮގްރާމްތައް ކޮންމެތާކު ހުރި ނަމަވެސް ފުރިހަމަކުރެއެވެ.އޮފީސް ދަތުރުތަކުގައި އަތޮޅުތެރެއަށް ގޮސް ހުންނައިރުވެސް ޓްރެއިނިން ފުރިހަމަކުރަން ނާއިފް އިސްކަމެއް ދެއެވެ.

ކޮންމެ ދުވަހަކު އޮފީހަށް ނާއިފް ދަނީ ފަތިސް ނަމާދަށްފަހު ޓްރެއިނިން ފުރިހަމަކުރުމަށްފަހުއެވެ. އަދި ޓްރެއިނިންގެ ހަވީރުގެ ބައި އޭނާ ފުރިހަމަކުރަނީ މަސައްކަތް ނިންމާލުމަށްފަހުއެވެ. އަދި ހަވީރު އެ ވަގުތު ޓްރެއިނިން ފުރިހަމަ ނުވެއްޖެނަމަ ރޭގަނޑުގެ ވަގުތެއްވެސް އެކަމަށް އޭނާ ހުސްކުރެއެވެ.ދުވުމަށް އުފެދިފައިވާ އެ ޝައުގާއެކު ބައްޕަގެ ހިތްވަރަކީ ނާއިފަށް ކުރިއަށް ދިއުމަށް ލިބުނު އިތުރު ހިތްވަރެކެވެ.