މީސްމީޑިއާ އަށް ލުމުގެ ކުރިން މާލެ ސިޓީ ކައުންސިލަށް އިދިކޮޅު އެމްޑީޕީގެ 15 މެންބަރަކަށް ކޮންސަލްޓަންޓުންގެ ވަޒީފާ ދިން ވާހަކަ އުނިކުރަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެންގެވި ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.

ކުޅުދުއްފުށީގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދާ 'ލާމަރުކަޒީ ގުޅުން' ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކައުންސިލަށް ބޭނުުންވާ ކަންކަން ހަމަޖެހޭ ކަމަށާއި މިހާތަނަށް އެއްވެސް ދައްޗެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

އަދި އެމްޑީޕީގެ 15 މެންބަރަކަށް ކައުންސިލުން ކޮންސަލްޓަންޓުންގެ ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ:

  • ޕީއެންސީގެ މެޖޯރިޓީ މާލެ ކައުންސިލްގައި އޮތަސް ކައުންސިލަރުންގެ އެހީތެރިކަން ލިބެމުންދާ ކަމަށް
  • އޭނާ މަސައްކަތްކުރައްވަނީ އާންމުންނަށް ފައިދާހުރި ކަންކަން މޭޔަރެއްގެ ގޮތުގައި ހުންނަވައި ކުރެއްވުމަށް ކަމަށް
  • އެގޮތަށް މަސައްކަތް ނުކުރެވިއްޖެ ނަމަ އެމްޑީޕީގެ ބޮލުގައި ހުރިހާ ޒިންމާއެއް އެޅޭނެ ކަމަށް

"މިސާލަކަށް މިސްކިތް ވެސް ނުނިންމުނީ އަޅުގަނޑުމެންނަށް، މިސާލަކަށް ފެނުގެ ނިޒާމު ވެސް ހައްލުނުކުރެވުނީ، ބުޅާތައް ވެސް ނުގެންދެވުނީ، އެހެންވެއްޖިއްޔާމު ހަމަ އެމްޑީޕީ ފެއިލްވި ކަމަށް އެ މީހުން ނިންމާނެ،" އޭނާ ވިދާޅުވިއެވެ.

އާޒިމް އެހެން ވިދާޅުވުމާއެކު، ފައްޔާޒް ވަނީ، މީސްމީޑިއާގައި އެ ވާހަކަ އާންމުކުރުމުގެ ކުރިން އެމްޑީޕީގެ 15 މެންބަރަކަށް ކައުންސިލްގެ ކޮންސަލްޓަންޓުގެ ވަޒީފާ ހަމަޖެއްސި ވާހަކަ އުނިކުރަން އަންގަވައިފައެވެ.

ކުޅުދުއްފުށީގައި ކުރިއަށްދާ ކޮންފަރެންސްގައި ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުންނާއެކު އެމްޑީޕީ ތަމްސީލުކުރާ ޖުމްލަ 80 ކައުންސިލަރުންނާއި މެންބަރުން ބައިވެރިވެއެވެ. މީގެ އިތުރުން މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިތުރުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.