ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ހޯދަމުންދާ ކުރިއެރުންތަކުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން މުހިންމު ދައުރެއް އަދާކުރާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ޔޫއެންޑީޕީގެ އޮފީހެއް ގާއިމުކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވޭތުވެ ދިޔަ 45 އަހަރުގެ ތެރޭގައި އދ. އާއެކު މަސައްކަތްކޮށް ރާއްޖެއިން މުހިންމު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ގުޅިގެން ކުރެވޭ އެ މަސައްކަތްތަކަކީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ހާސިލުކުރުމަށާއި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ވެސް މުހިންމު ކަމެއް ކަމަށެވެ.
އިގްތިސޯދީ ގޮތުން އެންމެ ކުޑަކޮށް ތަރައްގީ ހާސިލުވެފައިވާ ގައުމަކުން ފެށިގެން ގޮސް ޒަމާނީ ބަދަލުތަކާއެކު ވިލުންތެރި އަދި ތަރައްގީގައި ކުރިއަށް ދަތުރުކުރާ ގައުމަކަށް ރާއްޖެ ބަދަލުވުމުގައި ޔޫއެންޑީޕީއިން އަދާކުރި ދައުރުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވެވިއެވެ. އެގޮތުން އެންމެކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ 2011 ވަނަ އަހަރު ބަދަލުވި މަރުހަލާގައި ޔޫއެންޑީޕީއިން ލިބުނު އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔޫއެންޑީޕީއިން ހަމައެކަނި ތަރައްގީގެ އަސާސީ ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ވިލުންތެރިކަން އިތުރުކުރުމާއި އިގްތިސޯދު ސިންދަފާތުކުރުމާއި އިޖުތިމާއީ ބައިވެރިކުރުވުމާއި އަންހެނުން ބާރުވެރިކުރުވުމާއި ހިންގުމުގެ ރަނގަޅުގޮތްތަކާއި މުއައްސަސާތައް ރިފޯމުކުރުން ފަދަ ފަހުން ކުރިއަރަމުން އަންނަ ކަންކަމަށް ޔޫއެންޑީޕީގެ ޕްރޮގްރާމުތައް ފުޅާކޮށްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދޭ ޑިޖިޓަލް އިކޮނޮމީއެއްގެ ގޮތުގައި ކުރިޔަށްގޮސް ދިވެހިރާއްޖެ 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ތަކުރާރުކުރައްވާފައެވެ. އަދި ސަރުކާރުން މިހާރު ފަށާފައިވާ ރާއްޖޭގެ ކުރިއަށްއޮތް 20 އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ޔޫއެންޑީޕީއިން ފޯރުކޮށްދޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.