އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށް މެޓުން ބުނީ ރާައްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން މެޓުން ބުނީ އެންމެ ވައިގަދަވި ކަމަށް ރެކޯޑުކުރެވިފައިވަނީ އޮކްޓޫބަރު 9 ވަނަ ދުވަހު ބ. ދަރަވަންދޫއަށް ކަމަށެވެ. އެގޮތުން އެ ދުވަހު 55 މޭލަށް ވައިޖެހިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މެޓުން ވަނީ އުތުރާ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދަށް ވައި ޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އެވްރެޖް ކޮށް 10 މޭލާއި 20 މޭލާ ދެމެދަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން، ދަތުރުތަކަށް ފެއްޓުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.