ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މިދިޔަ މަހުގެ 25 ދުވަހުގެރޭ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްވަމުން ގެންދެވި ތަގްރީރު ލައިވްކުރަމުން ދަނިކޮށް، 'އަބްލޯ މައިދު ޔޫސެފް'ގެ ނަމުގައި މީހަކު ވަނީ ފޭސްބުކްގައި ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ. އެއާއެކު ހަމަ އެ ރޭ އެކްސްގައި ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވަނީ، ރައީސަށް އިންޒާރު ދިން މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާ ކަން ހާމަ ކުރައްވައިފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަބްދުﷲ މިޔާދު / ގ. ސަންސަންގެއާގެ (40އ) އެވެ. އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި އޭނާ ރާއްޖެ އައުމުންނެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނީ އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ މިޔާދު ވަނީ ރައީސަށާއި ދައުލަތުގެ ފެންވަރުގެ ބޭފުޅުން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައި ކަމަށެވެ. އެހެން މީހުންނަށް މަރުގެ އިންޒާރުދީ ގެއްލުން ދޭނެ ކަމުގެ އިންޒާރު ދިނުމުގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުކުރަމުން އޭނާ ގޮސްފައިވާ ކަަމށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުން ދާ ކަމަށެވެ.