ދިވެހިރާއްޖެއިން އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލަށް ބަދަލު ގެނެސް، އަހަރުގެ ކޮންމެ ދުވަހަކު ވެސް މި ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އުމްރާއަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަން ޖެހޭ އަޅުކަމަކަށް ނުވާތީ އާއި އަހަރުގެ އެކި ހިސާބުތަކުގައި އުމްރާގެ ދަތުރު ކުރާ މިންވަރު ކުންފުނިތަކުން އިތުރުވެފައި ވާތީ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށެވެ. އަދި މި ބަދަލުތަކާ އެކުއި އުމްރާ ދަތުރު ހަމަޖައްސާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ހުޅުވާލާ ކަމަށެވެ.
މީގެ ކުރިން މި ހުއްދަ ދޫކުރަމުން އައީ އަހަރުގެ ދެ ފަހަރަކަށް ހުޅުވާލައިގެން ކަމުގައި ވީ ނަމަވެސް މިހާރު ހުއްދައަށް އެދި ކޮންމެ ވަގުތަކު ވެސް ހުށަހެޅިދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި ބަދަލާ އެކު އަލަށް ހުއްދައަށް އެދޭ ނަމަ ފީއެއްގެ ގޮތުގައި 20،000 ރުފިޔާގެ ފީއެއް ނެގި ކަމުގައި ވިޔަސް ހުއްދާ އާކުރާ ނަމަ ނަގާނީ 15000 ރުފިޔާގެ ފީއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ ކުރިން އަލަށް ހުއްދަ އަށް އެދުނަސް އަދި ހުއްދަ އާ ކުރިއަށް ނަގަމުން އައިސްފައި ވަނީ 20000 ރުފިޔާގެ ފީއެކެވެ.
މި ބަދަލު ގެނައި ސަބަބު ހާމަ ކުރަމުން އެ މިނިސްޓްރީން ބުނީ، ކުރިން އަހަރަކު ދެ ފަހަރު މި ހުއްދަ ދޫކުރާތީ ހުއްދައަށް އެދުމުގެ ފުރުސަތަށް ހުޅުވާލުމުން އެތައް ބަޔަކު އެއްފަހަރާ ޕްރޮޕޯސަލް ހުށަހަޅާ ކަމަށެވެ. އެގޮތުން މިކަމުގައި އިދާރީ ގޮތުން ވެސް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު ކުންފުނިތަކަށް ވެސް ދޫކުރާ ހުއްދަ ހަމަވާ ތާރީހް ހަމަވުމުން ހުއްދާ އާ ކުރުމަށް އަހަރުގެ ދެވަނަ ފަހަރަށް އިއުލާން ކުރަން ދެން މަޑުކުރަންޖެހޭ ކަން އެ މިނިސްތްރީން ފާހަގަ ކުރެއެވެ. އެހެންކަމުން މިހާރު ގެނެސްފައިވާ ބަދަލާއެކު ކޮންމެ ވަގުތަކު ވެސް ހުއްދައަށް އެދި ހުށަހެޅޭނެ ކަމަށާއި ޕްރޮޕޯސަލް ހުށަހަޅާ މިންވަރަކުން ބަލައި ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިހާރު މި ހުއްދަ ދޫކުރާނީ ދެ އަހަރުގެ މުއްދަތަކަށް ކަމަށާއި ކޮންމެ ދެ އަހަރަކުން މި ހުއްދަ އާކުރުމަށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ހުއްދާ އާ ކުރަން ހުށަހަޅަން ވާނީ 2 އަހަރަށް ދީފައިވާ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ކަަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި މި އުސޫލުގެ ދަށުން ހުއްދަ ނުނަގާ ފަރާތްތަކުން ބޮޑެތި އަދަދުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިހާރު ޕްރޮޕޯސަލް ހުށަހަޅާ އިރު، ކުންފުނިތަކަށް ލުއި ފަސޭހަ ކޮށް ދިނުމުގެ ގޮތުން އެއްވެސް ބަދަލެއް ގެންނަން ޖެހޭ ޑޮކިއުމަންޓެއް ވާނަމަ އެ ބަދަލު ގެންނަ ޖެހޭ ޑޮކިއުމަންޓް އެކަނި އަލުން ހުށަހެޅުމުން ފުދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެކުރިން އުސޫލުގައިވާ ގޮތުން ކޮންމެ ފަހަރަކު ޕްރޮޕޯސަލަށް އިސްލާހެއް ގެންނަންޖެހޭ ހާލަތްތަކުގައި ކޮންމެ ފަހަރަކު ހުރިހާ ޑޮކިއުމަންޓެއް ހުށަހަޅަން ޖެހުމުން މިއީ ކުންފުނިތަކަށް ދިމާވާ ވަރަށް ބޮޑުތަކުލީފެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.