އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް 2025 އަހަރު ޖޫން މަހުގެ ނިޔަލަށް، ނިންމާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އައްޑޫ އިސްލާމިކް ސެންޓަރު ވެގެންދާނީ ދެކުނުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ގޮތްޕަކަށްކަމަށެވެ. އަދި މިތަނުގައި އިސްލާމީ ލައިބްރަރީއަކާއި ތަމްރީނު ފެސިލިޓީގެ އިތުރުން އިދާރާއެއް ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މި އިސްލާމިކް ސެންޓަރުގެ މިސްކިތުގައި އިމާމަކާއި ބަންގި ގޮވާ މުވައްޒިނަކު ހުންނާނެކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި އެއްފަހަރާ 1500 މީހުންނަށް ނަމާދު ކުރެވޭ އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު ތަރައްގީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. ދެ ފަންގިފިލާ ހިމެނޭ އެ އިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބައެއް ހިމެނޭނެ ކަމަށެވެ. އަދި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާ، ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހެއް ވެސް ހިމެނޭނެއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.