ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ދައުލަތުން އެފްއޭމްއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ 7 ހެއްކެއް ސިއްރު ކޮށްދިނުމަށް ދައުލަތުން އެދިއްޖެއެވެ.
ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން އުފުލާފައިވަނީ 9،999 އެމެރިކާ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910 އެމެރިކާ ޑޮލަރު ސެޕްޓެންބަރު 2، 2018ގައި އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއާ އިންވެޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.
މި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ސިއްރުކޮށްދިނުމަށް އެދިފައި ވަނީ ބީއެމްއެލްގެ ބޭންކް ސްޓޭޓްމަންޓްތަކެވެ. އެއީ އެފްއޭއެމްގެ އެކައުންޓަކުން ބައްސާމްގެ އެކައުންޓަށް ޖަމާކުރި ފައިސާ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމަށްޓަައި އެ ފައިސާ ޖަމާކޮށްފައިވާ ބައެއް މީހުންގެ އެކައުންޓުތަކެވެ.
އެ ހެކިތައް ސިއްރުކޮށްދިނުމަށް އެދިފައިވަނީ އެ ހެކިތައް ދިފާއުއަށް ދޫކޮށްފިނަމަ މުޖުތަމައުގެ ތެރެއަށް ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށް ދައުލަތުން ބުނެއެވެ. އެ ހެކިތައް ސިއްރު ކުރި ނަމަވެސް، ކޯޓުގައި ތިބެގެން ބޭންކް ސްޓޭޓްމަންޓްތައް ބެލުމުގެ އިންތިޒާމް ބައްސާމް އަދި އޭނާގެ ދިފާއީ ވަކީލުންނަށް ހަމަޖައްސައިދޭނެ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.
ބައްސާމްގެ ވަކީލު ވިދާޅުވީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާކަން އެނގިފައިނުވާ ކަމަށާއި، އެކަމާ ގުޅިގެން ފޯމެއް ހުށަހަޅާފައިވާ ނަމަ އެ ފޯމު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ ފޯމުގެ ކޮޕީއެއް ދޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ ބައެއް ލިޔުންތައް އަދިވެސް ނުލިބޭ ކަމަށް ބައްސާމްގެ ވަކީލު ވިދާޅުވުމުން ގާޒީ ވަނީ އެ ލިޔެކިޔުންތައް ދިނުމަށް މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ފުރުސަތު ދެއްވާފައެވެ.
ބައްސާމްގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ދައުވާ ސާބިތުވެއްޖެނަމަ އޭނާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލާނެއެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑެރިންގެ ދައުވާ ސާބިތުވެއްޖެނަމަ، 100،000 ރުފިޔާއާއި 1،000،000 ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.