ހއ. ދިއްދޫގައި އިމާރާތް ކުރަމުންދާ އިސްލާމިކް ސެންޓަރު ވެގެންދާނީ އުތުރުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ގޮތްޕަކަށް ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ދިއްދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް މިހާރު ނިމެމުން ދާކަމަށެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ހުޅުވުން ކަމުގައި ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ މި އިސްލާމީ މަރުކަޒުގައި އިސްލާމީ ލައިބްރަރީއަކާއި ތަމްރީނުދޭނެ ވަސީލަތްތައް ގާއިމްވެފައި ހުންނާނެ ކަމަށެވެ. އަދި އެ މިސްކިތް ބައިގައި އިލްމުވެރި އިމާމަކާ، ބަންގި ގޮވުމަށް މުވައްޒިނަކު ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިއްދޫ އިސްލާމިކް ސެންޓަރު އިމާރާތް ކުރުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ މިދޔަ އަހަރު މެއި މަހުގެ ތެރޭގައެވެ. މި އިމާރާތުގައި އެއްފަހަރާ 1500 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ އިތުރުން 450 މީހުންގެ މަލްޓިޕާޕަސް ހޯލެއް ހުންނާނެއެވެ. އަދި މި މަރުކަޒުގައި އިދާރީ އޮފީހަކާ، ލައިބްރަރީއަކާ، 4 ކްލާސްރޫމާ، 2 ސެމިނާ ރޫމެއްގެ އިތުރުން ޕޭންޓްރީ އެއް ހުންނާނެއެވެ.

މި މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 50.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ. މި މަސައްކަތް ރަޝީދު ކާޕެންޓްރީ އާއި ހަވާލު ކޮށްފައި ވަނީ 540 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.