ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ރަށްރަށަށް ކުރި ކެމްޕެއިން ދަތުރުތަކުގެ ތެރެއިން 5.6 މިލިއަން ރުފިޔާ މޯލްޑިވިއަން އަށް ނުދައްކައި އޮތް މައްސަލަ ސިވިލް ކޯޓުން މިއަދު ބާތިލް ކޮށްފިއެވެ.

މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރި ދަތުރުތަކުގެ ތެރެއިން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހާ ދެމެދުގައި 10 އިންވޮއިސްއަކަށް ފައިސާ ނުދައްކާ އޮތް މައްސަަލައެކެވެ.

އެ ފައިސާ ދެއްކުމަށް މޯލްޑިވިއަނުން އެމްޑީޕީއަށް ވަރަށް ގިނަ ފުރުސަތުތައް ދީފައިވާ އިރު، މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގައި ވެސް އެމްޑީޕީއަށް ސިޓީއަކުން މޯލްޑިވިއަނުން ވަނީ އެ ފައިސާ ދެއްކުމަށް އެދިފައެވެ. އަދި އެ ފައިސާ ނުދެއްކުމުން އެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ، މޯލްޑިވިއަން އާއި އެމްޑީޕީއާ ދެމެދު މިދިޔަ ޖޫން މަހު މަޝްވަރާ ކުރުމަށްފަހު އެ ފައިސާ ދެއްކުމާ ގުޅޭގޮތުން އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ އިންސްޓޯލްމަންޓުގެ ގޮތުގައި އެމްޑީޕީން އެއް މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދައްކާފައިވާ ކަމަށެވެ.

އަދި މިވަގުތު އެ މައްސަލަ އަނބުރާ ގެންދަން މޯލްޑިވިއަން އިން އެދިފައި ވާތީ، އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނަ ގޮތަށް އެ މައްސަލާގައި ދައުވާ ފޯމް ބާތިލްކުރާ ކަމަށް އެ ހުކުމުގައި ވެއެވެ.