ކުރިއަށް އޮތް 5 ދުވަހު ރާއްޖެ ސަރަހައްދުގެ ކަނޑުގަދަވެ މޫސުން ގަދަވާނެ ކަމަށް ލަފާކޮށް ގޭގެއަށް ފެން ނުވަންނާނެ ހެން ކުރިއާލާ ވެލި ބަސްތާ ޖެހުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

ގެއަށް ފެންނުވަންނާނެ ފަދައިން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށް އެންޑީއެމްއޭ އިން ވަނީ ގޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނޭ ފަދަ މުދާ އުސްތަންތަނަށް ބަދަލު ކުރުމަށް އެދިފައެވެ.

މީގެއިތުރުން އެންޑީއެމްއޭ އިން ވަނީ ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ބެލެވޭނަމަ ކުރިއާލާ ވާ ފަދަ އެއްޗެއް ބޭނުން ކޮށްގެން ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ހެދުމަށާއި، ބޭނުން ނުކުރާނަމަ ކަރަންޓު ފަދަ ތަކެތި ނިއްވާލާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެދެފައެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 5 ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ ސަރަހައްދުގައި 13 މޭލައި 23 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުންނެވެއެވެ.

ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން، ދަތުރުތަކަށް ފެއްޓުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.