ކ. ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު ހޯދުމަށް ޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފިއެވެ.
ތަސްލީމް ގެއްލުނު މައްސަލައިގައި ޔެލޯ ނޯޓިސް މިދިޔަ މަހުގެ 12 ވަނަ ދުވަހު ނެރެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އިންޓާޕޯލް މެދުވެރުކޮށް ޕަބްލިޝް ކުރާ ނޯޓިސްއަކީ އިންޓަޕޯލްގެ މެންބަރު ހުރިހާ ގައުމަކަށް ވެސް ފެންނަ ގޮތަށް ޕަބްލިޝް ކުރާ ނޯޓިސްއެއް ކަމަށެވެ. އަދި މިގޮތަށް ކުރާ ކޮންމެ ނޯޓިސްއަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓްގައި ޕަބްލިޝްކުރާ ނޯޓިސްއެއް ނޫންކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ކ.ހުވަފެންފުށީ، ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ކ.މާލެ، މ.އާސާރީހަދާނީ އުމުރުން 43 އަހަރުގެ ތަސްލީމް ވީ ނުވީއެއް ނޭގި ގެއްލިފައި ވަނީ މިިދިޔަ އޮގަސްޓަމުހުގެ 30 ވަނަ ދުވަހުއެވެ.
އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ތަސްލީމް މާލެއިން ފުރާފައިވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު 17:00އާއި 17:30އާ ދޭތެރޭގެ ވަގުތެއްގައި ކަމަށާއި އެ ފަސްގަނޑަށް ގޮސްފައި ވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މީހުން ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު ވެސް ފަސްގަނޑުގައި ތިބި ކަމަށާއި އޭނާ އެތަނުގައި ހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00އާ ދޭތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިންޓަޕޯލް ޔެލޯ ނޯޓިސްއަކީ ގެއްލިގެން ހޯދާ މީހުންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން ނެރެވޭ ނޯޓިސްއެކެވެ.