ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އެތެރެކުރި ހުސައިން ޝިފާއު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.

މީގެ ކުރިން ޝިފާއު ހައްޔަރުކުރި ނަމަވެސް މިދިޔަ މޭ މަހުގެ 27 ވަނަ ދުވަހު ޝިފާއު ބަންދުން ދޫކޮށްލައިފާ ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ. އެއާއެކު އެ މަހުގެ 29 ވަނަ ދުވަހު ޝިފާއު ވަނީ ފުރައިގެން ގޮސްފަައެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި ނަމަވެސް ޝިފާއު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށާއި އޭނާ އެނބުރި އައިސްފައިވާކަން އެނގެން ނެތް ކަމަށް އެ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާއާއި، މަކަރާ ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ 7 ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޝިފާއު މި ކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އިތުރަށް ޕީޖީ އިން ބުނެފައި ވަނީ މި މައްސަލައިގައި 123،844.54 ޑޮލަރު ހިމެނޭ ކަމަށެވެ.