ދޮގު ހަބަރު ފެތުރުން މިއަދު ދިވެހި މުޖުތަމައުގައި މޫލާފައިވާ ކަމަށާއި، ދޮގު ހަބަރުތައް ފެތުރުމުގެ ސަބަބުން މުޖުތަމައަށް ލިބޭ ގެއްލުންތައް އެތައް ޖީލަކަށް ދެމިގެންދާ ކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކިޔައިދެއްވައިފިއެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ޖަލްސާގައި ރައީސް މިއަދު ވިދާޅުވީ، ދިވެހި ގައުމިއްޔަތުގެ މައި ތަނބަކީ އިސްލާމްދީން ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ރާއްޖެއިން މިއަދު ފެންނަ މަންޒަރަށް އަލިއަޅުވާލައްވާފައިވެއެވެ.
އެގޮތުން މިއަދު މީހުންނަށާއި މުދަލަށް ގެއްލުން ދިނުމާއި، މީސްމީހުންގެ އަބުރު ކަތިލަމުން ދިއުމާއި، ކުޑަކުދިންނަށް ހުރުމަތްތެރިކޮށް ނުހިތުމާއި، ބަދުއަހުލާގީ އަމަލުތައް އާންމުވުމާއި ފިތުނަ އުފެއްދުން ފަދަ ކަންކަން ދިވެހި މުޖުތަމައުގައި އާންމުވަމުންދާ ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ދޮގު ހަބަރު ފެތުރުމެވެ.
ރައީސް ވަނީ، ދޮގު ހަބަރު ފެތުރުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަން އެކަން ކުރާ ފަރާތްތަކަށް ނޭނގެނީތޯ އާއި އެކަމުގެ ސަބަބުން ނުކުންނާނެ ހިތި ނަތީޖާ އާ މެދު އެ ފަރާތްތަކަށް ނުވިސްނެނީތޯ ސުވާލު އުފައްދަވައިފައެވެ. އަދި ދޮގު ހަބަރު ފެތުރުމުގެ ސަބަބުން މުޅި މުޖުތަމައުގެ ފޭރާން ވެއްޔާ މޮޑެވިގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.
"ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުން އެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ހިދުމަތްތެރީންތޯ؟ ދެބައޮޑުވުމާއި ނެތިނުބައިކިޔުމުގެ ސަބަބުން ރޫޅި ކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ؟ މި ފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާ ކެކުޅުން އެތައް ޒަމާނަކަށް އެތައް ޖީލަކަށް ދެމިގެންދޭ، ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެހެންމެ ދޮގު ހަބަރު ފެތުރުމުގެ ސަބަބުން ދިވެހި ދައުލަތަށް ވެސް ގެއްލުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.