ކަރެކްޝަންސްގައި މަސައްކަތްކުރާ މަދަނީ މުވައްޒަފުންނަށް 10 އަހަރުވީއިރު ވެސް ހައުސިން އެލަވަންސް ނުލިބޭތީ، ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މިގޮތުން ކަރެކްޝަންސްގައި މަސައްކަތްކުރާ 80 މަދަނީ މުވައްޒަފުންގެ ތެރެއިން 44 މުވައްޒަފަކު ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށާއި ޕެޓިޝަން ކޮމިޓީއަށާއި ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގައިވާ ގޮތުން، ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ނިދުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ މުވައްޒަފުން ފިޔަވައި، ކަރެކްޝަނަށް ބަޖެޓު ލިބިފައިވާ މިންވަރަށް ބަލައި ހައުސިން އެލަވަންސް ހަމަޖައްސައިދޭން ވާނެ ކަމަށް ވެއެވެ. އަދި އެލަވަންސްގެ ގޮތުގައި މަހަކު 2،500 ރުފިޔާ ދޭން ޖެހޭނެ ކަމަށް ވެސް ވެއެވެ.

ނަމަވެސް ވަޒީފާ އާ ބެހޭ ގަވައިދާ މުސާރަ އޮނިގަނޑަށް 10 އަހަރުވާން ކައިރިވެފައިވާއިރު، ކަރެކްޝަންގެ މަދަނީ އެއްވެސް މުވައްޒަފަކަށް ހައުސިން އެލަވަންސް ނުލިބޭ ކަމަށް މުވައްޒަފުން ބުނެފައިވެއެވެ. މުވައްޒަފުން އިތުރަށް ފާހަގަކުރިގޮތުގައި:

  • ކަމާބެހޭ ވުޒާރާތަކުން ފޮނުވާފައިވާ ލިޔެކިއުންތަކުން ހާމަވާ ގޮތުން ކަރެކްޝަންސްގެ ބަޖެޓުން ނުވަ މިލިއަން ރުފިޔާއާއި 11 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް ބާކީވޭ
  • މި ފައިސާއިން ހައުސިން އެލަވަންސް ދޭން ފާއިތުވި 10 އަހަރު މާލީ ވުޒާރާއިން ވަނީ ދެކޮޅު ހަދާފައި
  • ވަޒީފާ އާ ބެހޭ ގަވައިދާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް ކަރެކްޝަނުން 272 ޖަލު އޮފިސަރަކަށާއި ޕްރޮފެޝަނަލް 30 މުވައްޒަފަކަށް ހައުސިން އެލަވަންސް ދޭ
  • އެއީ މަހެއްގެ މައްޗަށް 750،000 ރުފިޔާ (އަހަރެއްގެ މައްޗަށް 9.06 މިލިއަން ރުފިޔާ)

ކަރެކްޝަންސްގެ މަދަނީ މުވައްޒަފުން ބުނީ، އެ މުވައްޒަފުންނަށް ހައުސިން އެލަވަންސްގެ ގޮތުގައި ހަރަދުވާނީ އަހަރަކު 2.7 މިލިއަން ރުފިޔާ ކަމަށް ކަރެކްޝަނުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީތަކުން ހާމަވާ ކަމަށެވެ.

މުވައްޒަފުން އިތުރަށް ބުނި ގޮތުގައި ވޭތުވެދިޔަ ނުވަ އަހަރު ކަރެކްޝަނުން ވަޒީފާއާ ބެހޭ ގަވައިދުގައިވާ ގޮތަށް ހައުސިން އެލަވަންސް ދިނުމަށް އުސޫލުތަކެއް ކަނޑައަޅާފައެއް ނުވެއެވެ. ހަމަ އެހެންމެ ކަރެކްޝަނުން މި އެލަވަންސް މަދަނީ މުވައްޒަފުުންނަށް ދިނުމަށްޓަކައި ބަޖެޓުގައި ވެސް އެއްވެސް އަހަރަކު ހިމަނާފައިނުވާ ކަމަށް ވެސް ބުންޏެވެ. އެއާއެކު މި މައްސަލަ ހައްލުކުރެވޭނެ ބައެއް ގޮތްތައް ވެސް މި ޕެޓިޝަންގައި ހިމަނާފައިވެއެވެ. އެއީ:

  • ހައުސިން އެލަވަންސް ދޭ އުސޫލު ކަނޑައަޅައި އެއަށް އަމަލުކުރަން ފެށުން
  • ކަރެކްޝަންސްގެ މުސާރައިގެ އޮނިގަނޑާ ހިލާފަށް އެ ހިދުމަތުން ނިދުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ މުވައްޒަފުންނަށް ދެމުން އަންނަ ހައުސިން އެލަވަންސް ކަނޑާލައި މަދަނީ މުވައްޒަފުންނަށް ދިނުން
  • ބަޖެޓުން ބާކީވާ ކަމަށް ކަރެކްޝަނުން ބުނާ އަދަދުގެ ތެރެއިން 2.7 މިލިއަން ރުފިޔާ، ހައުސިން އެލަވަންސް ދޭ ބަޖެޓް ކޯޑަށް ޖަމާކޮށް މަދަނީ މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ހުއްދަދިނުން

މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ އެއްވެސް އިދާރާއަކުން މަސައްކަތްކޮށްފައި ނުވާ ކަމަށާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާ ބައްދަލުކުރުމަށް ދެ ފަހަރެއްގެ މަތިން އެދިފައިވީ ނަމަވެސް، ހަތަރު މަސްދުވަސް ވީ އިރު ބައްދަލުކުރެވިފައިނުވާ ކަމަށް ވެސް މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް އެދޭ ކަމަށާއި، ނޫން ނަމަ އިހްތިޖާޖުކުރަން ޖެހިދާނެ ކަމަށް ވެސް މުވައްޒަފުން ބުންޏެވެ.